އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން އުފައްދަން ނިންމާފައިވާ ފުރަތަމަ ބިރުވެރި ފިލްމުގެ ލީޑް ރޯލަށް ވަރުން ދަވަން ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އެ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާ ފެށިފައިވާއިރު އަންނަ އަހަރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ވައިއާރްއެފުން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ، 2022 ވަނަ އަހަރު ސޮނީލިވްއިން އިން ގެނެސްދިން މަގުބޫލު ސީރީޒް "ރޮކެޓް ބޯއިސް"ގެ ޑައިރެކްޓަރު އަބޭ ޕައްނޫއެވެ. ވައިއާރްއެފުން ބިރުވެރި ޖޯންރާގެ ފިލްމަކަށް ތައްޔާރުވާކަން ހާމަކޮށްފައިވީ ނަމަވެސް ފިލްމުގެ ކާސްޓުން އަދި ފިލްމުގެ ޕްލޮޓާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި ވައިއާރްއެފުން މުޅިން އަލަށް އުފައްދާ މި ހޮރޯ ފިލްމަކީ، ކޮރޯ ކޮމެޑީ ފިލްމުތަކާ ޚިލާފަށް ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް އޭގައި އެކުލެވޭނެ ފިލްމެކެވެ.

ފިލްމު "ސުއި ދާގާ މޭޑް އިން އިންޑިއާ"ގެ މަންޒަރެއްގައި ވަރުން އަދި އަނުޝްކާ--ފޮޓޯ/އިންޑިއާޓުޑޭ
މެޑޮކްސްއިން ގެނެސްދިން މަގުބޫލު ހޮރޯ ފިލްމު "ބީޅިޔާ"ގައި ބިރުވެރި ކެރެކްޓާއެއް ކުޅުނު ވަރުން އަކީ މީގެކުރިންވެސް ވައިއާރްއެފްއާ އެކު މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އެއީ ބަތަލާ އަނުޝްކާ ޝަރުމާއާ އެކު ވަރުން މުހިއްމު ރޯލެއް ކުޅުނު މަގުބޫލު ފިލްމު "ސުއި ދާގާ މޭޑް އިން އިންޑިއާ"އެވެ.
ވަރުން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ، މަޝްހޫރު ޑައިރެކްޓަރު އަދި ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އެންމެފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ހެ ޖަވާނީ ތޯ އިޝްހް ހޯނާ ހޭ"އެވެ. މި ފިލްމު މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެއެވެ.