'ޑީޕް ފޭކް' ފޮޓޯ އާއި ވީޑިއޯގެ މައްސަލައިގައި ޝްރޫތީ ކޯޓަށް

އިންޑިއާގެ ބަތަލާ ޝްރޫތީ ހަސަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ޝްރޫތީ ހަސަންގެ ފޮޓޯއާއި، އަޑާއި، އޭނާގެ އަމިއްލަ ވަނަވަރު ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް އުފައްދާފައިވާ "ޑީޕް ފޭކް" ވީޑިއޯތަކާއި، އޭނާގެ ހުއްދަނެތި އޭނާގެ ނަން ބޭނުންކޮށްގެން ކުރާ އިޝްތިހާރުތަކާ ދެކޮޅަށް މުމްބާއީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޝްރޫތީ ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ބަތަލާގެ ޝަހްސިއްޔަތާއި އާންމު މަގުބޫލުކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށެވެ. އޭގެތެރޭގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ހަގީގަތާ ހިލާފު ވީޑިއޯތަކާއި، ހުއްދަނެތި ބަތަލާގެ ނަން ބޭނުންކޮށްގެން ވިޔަފާރި މުދާ އިޝްތިހާރުކުރުން ހިމެނެއެވެ.

މި ވިޔަފާރި މައްސަލައިގައި އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ އެކި ކުންފުނިތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، އަދި ވަކިވަކި ފަރުދުންގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

މީގެއިތުރުން، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އޭނާގެ ސޫރަ ބަދަލުކޮށް، ބަދުއަޚުލާގީ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ އުފައްދަމުންދާކަމުގެ ކަންބޮޑުވުންވެސް ޝްރޫތީ ވަނީ ފާޅުކޮށްފައެވެ. ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ކަންކަމަކީ އޭނާގެ އަބުރާއި ޝަރަފަށް އުނިކަން އަންނަ، އަދި އޭނާގެ އަމިއްލަ މިނިވަންކަމަށް އަރައިގަތުމުގެ އަމަލުތަކެކެވެ.

ޝްރޫތީ ހަސަން ބައްޕަ އަދި ކުރީގެ އެކްޓަރު ކަމަލް ހަސަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ތެރޭގައި ފްލިޕްކާޓް މެދުވެރިކޮށް ޝްރޫތީގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތައް ވިއްކާ "މަހާލަކްޝްމީ އާޓްސް އެންޑް ކްރާފްޓް ވޯކްސް" ހިމެނެއެވެ. މީގެ އިތުރުން، ގޫގުލްގެ ޔޫޓިއުބް، މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމް، އެކްސް (ކުރީގެ ޓުވިޓަ) އަދި ޕިންޓްރެސްޓް ފަދަ ބޮޑެތި ސޯޝަލް މީޑިއާ ކުންފުނިތައްވެސް ހިމެނެއެވެ.

ޝްރޫތީ އެދިފައިވަނީ މި ޕްލެޓްފޯމްތަކުގައި ހުރި އޭނާގެ ހައްގުތަކަށް އުނިކަންލިބޭ ކޮންޓެންޓްތައް ވަގުތުން ނައްތާލުމުގެ އަމުރަކަށެވެ.

ޝްރޫތީ ކޯޓުގައި އެދިފައިވަނީ މިފަދަ ކަންކަން ކުރިޔަށް ނުގެންދެވޭނެ ފަދަ ދާއިމީ އަމުރެއް ނެރެދިނުމަށާއި، އޭނާގެ ނަމާއި ސޫރަ ބޭނުންކޮށްގެން ހޯދާފައިވާ ނަފާއިން ބަދަލު ނަގައިދިނުމަށެވެ.

އޭއައި ބޭނުންކޮށްގެން 'ޑީޕް ފޭކް' ފޮޓޯ އުފެއްދުމުގެ މައްސަލަ އަކީ މިފަހަކަށް އައިސް ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުންނަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. އޭގެތެރޭގައި ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ، އައިޝްވާރްޔާ ރާއި ބައްޗަން އަދި މްރޫނާލް ތާކުރު ހިމެނޭއިރު މި ފަންނާނުން އެފަދަ ޕްލެޓްފޯމްތަކާ ދެކޮޅަށް އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް