މަނޯޖްގެ 'ގަވަރުނާ' އެމެޒޯން ޕްރައިމްއަށް

އިންޑިއާގެ މަގުބޫލު އެކްޓަރު މަނޯޖް ބަޖްޕައީ ގަވަރުނަރެއްގެ ރޯލް ކުޅެފައިވާ ފިލްމު "ގަވަރްނާ" އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ސްޓްރީމްކުރަން ފަށައިފިއެވެ.

މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމަކީ، ވިޕުލް ޝާހް ޕްރޮޑިއުސްކޮށް ޗިންމޭ ޑީ މަންޑްލޭކަރް ޑައިރެކްޓްކޮށްފައިވާ ފައިނެންޝަލް ތުރިލާއެކެވެ.

ހަތަރު ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ކުޅަދާނަ އެކްޓަރު މަނޯޖްގެ ވަރަށް ވަރުގަދަ ރޯލެއް ފެންނާނެ "ގަވަރްނާ"ގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ، އަދާ ޝަރުމާ އާއި މަދޫ ޝަރުމާ އާއި ނައުޝާދު މުހައްމަދު ކުންޖޫގެ އިތުރުން ޕަރިތޯޝް ސަންދު ހިމެނެއެވެ.

ފިލްމުގައި މަނޯޖް ފެންނާނީ ސިޔާސީ ފިއްތުންތަކާއި، ރައްޔިތުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާއި، އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ހިތްވަރާ އެކު މަސައްކަތް ކުރި ޝަހްސެއްގެ ގޮތުގައެވެ.

ފިލްމު "ގަވަރްނާ"ގެ މަންޒަރެއްގައި މަނޯޖް އަދި އަދާ ޝަރުމާ--ފޮޓޯ/އެންޑީޓީވީ

މި ފިލްމަކީ، އިންޑިއާގެ 1990ގެ އިގްތިސާދީ ކާރިސާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ތާރީހީ ޑްރާމާގެ ވާހަކަ ބިނާކޮށްފައި ވަނީ، އިންޑިއާގެ މާލީ ތާރީހުގައި ކުރިމަތިވި ނުތަނަވަސް ދުވަސްވަރެއްގެ ތެރޭ، މަޝްހޫރުވެފައިނުވާ ބަތަލެއްގެ ހިތްވަރުގަދަ ވާހަކައެއްގެ މައްޗަށެވެ.

ސަންޝައިން ޕިކްޗަސް ބެނާގެ ދަށުން އުފައްދާ މި ފިލްމުން 1990ގެ އަހަރުތަކުގައި އިންޑިއާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއާ ގުޅުންހުރި ހަގީގީ ހާދިސާތަކެއްގެ ބެލުންތެރިންނަށް ގެނެސްދޭނެއެވެ.

މަނޯޖް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، އެމެޒޯން ޕްރައިމްއިން މިދިޔަ އަހަރު ރިލީޒްކުރި މަގުބޫލު ވެބް ސީރީޒް "ދަ ފެމިލީ މޭން"ގެ ތިން ވަނަ ސީޒަން އަދި ފިލްމު އިންސްޕެކްޓަ ޒެންޑޭއިންނެވެ. މަނޯޖްގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ، ނެޓްފްލިކްސްގެ ފިލްމު "ގޫސްކަރު ޕަންޑިތު" އަދި "ޕޮލިސް ސްޓޭޝަން މޭ ބޫތު" ހިމެނެއެވެ.

comment ކޮމެންޓް