ވައިއާރްއެފުން އަނެއްކާވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ސީރީޒްއެއް

ވައިއާރްއެފުން ގެނެސްދިން "ދަ ރޭލްވޭ މެން"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ ތިން އަހަރުކުރިން ގެނެސްދިން "ދަ ރޭލްވޭ މެން"އަށްފަހު ޔަޝް ރާޖް ފިލްމްސްގެ ޑިޖިޓަލް ކޮންޓެންޓް ގޮފިން އިތުރު ސީރީޒްއެއް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް "ޓަނަލް މެން"ގެ ނަމުގައި އުފައްދާ މި ސީރީޒަކީ 2023 ވަނަ އަހަރު އިންޑިއާގެ އުއްތަރަޚަންދުގެ 'ސިލްކްޔާރާ ޓަނަލް'ގައި ތާށިވި 41 މީހުން ސަލާމަތްކުރުމުގެ ވަރުގަދަ އޮޕަރޭޝަނުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ސީރީޒެކެވެ. މިއީ މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު، ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ފާހަގަކޮށްލެވޭ އެއް ސަލާމަތީ މިޝަނެވެ.

އުއްތަރަޚަންދުގެ 'ސިލްކްޔާރާ ޓަނަލް' ކުއްލިއަކަށް ބަންދުވުމުގެ ސަބަބުން، އޭގެ ތެރޭގައި 41 މަސައްކަތްތެރިން ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ތާށިވިއިރު، އެ މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކު، ވަރުގަދަ ރޭވުންތެރިކަމާއި އެންމެންގެ ގުޅިފައިވާ މަސައްކަތުން ކާމިޔާބުކުރި އޮޕަރޭޝަނެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި "ޓަނަލް މެން" ޑައިރެކްޓް ކުރާނީ އަމްބިއޭކާ ޕަންޑިތާއި މަނާން ރާވަތެވެ. މިއީ ވައިއާރްއެފްގެ ދަށުން މި ދެ ފަންނާނުން ގުޅިގެން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އަދި "ދަ ރޭލްވޭ މެން"ގެ ޑައިރެކްޓަރު ޝިވް ރާވަލް މި ސީރީޒްގެ ޝޯރަނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. މީގެ ބޭނުމަކީ ކުރީގެ ސީރީޒުން ފެނިގެންދިޔަ ފެންވަރުމަތި ކިޔައިދިނުމާއި ފަންނީ ފެންވަރު މި ސީރީޒްގައިވެސް ހިފެހެއްޓުމެވެ.

އިންޑިއާގެ އުއްތަރުޚަންދުގެ ޓަނަލްއެއްގައި މަސައްކަތްތެރިން ހަރަކާތްތެރިވަނީ--ފޮޓޯ/ބީބީސީ

މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދިން މަސްދަރަކުން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ ސްކްރިޕްޓް ލިޔުމާއި ޝޫޓިންގްއަށް ވާންޖެހޭ ތައްޔާރީތަކެވެ.

މި ސީރީޒްގެ އަމާޒަކީ އެ ހާދިސާގައި ހިނގައިދިޔަ އަސަރުގަދަ ކަންތައްތަކާއި އޮޕަރޭޝަނުގެ ބޮޑުމިން އެންމެ ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމެވެ.

މިއީ ވައިއާރްއެފްގެ ސީއީއޯ އަކްޝޭ ވިދާނީގެ ބެލުމުގެ ދަށުން، ކޮންޓެންޓް ހެޑްގެ މަގާމާ ސޯގަތާ މުކަރްޖީ ހަވާލުވި ފަހުން އޭނާ އިސްވެ ހުރެ ފަށާ ފުރަތަމަ ބޮޑު މަޝްރޫއެވެ.

"ޓަނަލް މެން" ވެސް ބެލުންތެރިންނަށް ގެނެސްދޭނީ ނެޓްފްލިކްސް މެދުވެރިކޮށެވެ. ވައިއާރްއެފްއާ ނެޓްފްލިކްސް ގުޅިގެން ކުރިން ނެރުނު "ދަ ރޭލްވޭ މެން" އަކީ ހަތަރު އެޕިސޯޑުގެ މައްޗަށް އެކުލެވޭ ސީރީޒެކެވެ.

އޭގައި ކޭ ކޭ މެނަން، އާރް މާދަވަން، ދިވްޔެންދޫ އަދި ބާބިލް ޚާން ފަދަ ހުނަރުވެރި އެކްޓަރުން ފެނިގެންދިޔައެވެ.

comment ކޮމެންޓް