ރާއްޖެއާއެކު އޮންނަ ވިޔަފާރީގެ ގުޅުން ފުޅާކުރަން ބޭނުން: ލަންކާ

ސްރީލަންކާގެ ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ---

ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، އާދަކާދައިގެ މަތިން ކުރަމުން އަންނަ ވިޔަފާރީގެ ދާއިރާއިން ބޭރުން އެހެނިހެން ދާއިރާތަކަށް އެއްބާރުލުން ފުޅާކުރުމަށް ސްރީލަންކާގެ ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ ގޮވާލައްވައިފިއެވެ.

އޭނާ މިކަމަށް ގޮވާލެއްވީ ކޮލަމްބޯގައި ބޭއްވި ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 18 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދުނިޔޭގެ އިގުތިސާދަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، ބިޒްނަސް ކައުންސިލް ފަދަ މުއައްސަސާތަކުގެ މުހިންމުކަން އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުމުގެ އާ ސަފުހާއެއް ފެށުމަށް ގޮވާލައްވައި، ބޭނުން ނުހިފި ހުރި ގިނަ ފުރުސަތުތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ލަންކާގެ ރައީސާއި ރައީސް މުއިއްޒު: --- ފޮޓޯ/ ރައީސް އޮފީސް

ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ސްރީލަންކާއިން ރާއްޖެއަށް 132 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ މުގާބިލުގައި ރާއްޖެއިން ލަންކާއަށް އިމްޕޯޓުކޮށްފައިވަނީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ މުދަލެވެ. ލަންކާއިން ރާއްޖެއަށް އެންމެ ގިނައިން އެކްސްޕޯޓުކުރާ ބާވަތްތަކުގެ ތެރޭގައި އިންސިއުލޭޓެޑް ވަޔަރާއި ކޭބަލް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރެވިދާނެ އިތުރު ދާއިރާތަކެއްގެ ގޮތުގައި ތާޒާ މޭވާއާއި، ގޮދަން ފުށާއި، ތަރުކާރީއާއި، ސައިފަތާއި، ސައިފަތް ބަންދުކުރުމާއި، އިލެކްޓްރިކަލް ކޮންޑަކްޓަރުގެ އިތުރުން ޕްރޮސެސްކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މަސްދަޅު ބަންދުކުރުމުގެ ސިނާއަތުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި، އެ މަސައްކަތްތައް އާ ހިތްވަރަކާއެކު ކުރިއަށް ގެންދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އިޝާރާތްކުރައްވައި ސަމަރަސިންހަ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ސްރީލަންކާއަށް 16 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރާއްޖެއިންނެވެ. އެގޮތުން 37،000 އަށް ވުރެ ގިނަ ދިވެހިން އެ އަހަރު ލަންކާއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ސަބަބަށްޓަކައި ފަތުރުވެރިކަމާއި، މެހެމާންދާރީއާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ ފަދަ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި (އެސްއެމްއީ) އަލަށް އުފެދެމުން އަންނަ ސިނާއަތްތަކާ އެކު ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލުން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

ދެ ގައުމުގެ އިގުތިސާދުގެ މުސްތަގުބަލު ބިނާވެފައިވަނީ ހަމައެކަނި ބޮޑެތި ކުންފުނިތަކުގެ މައްޗަށް ނޫން ކަމަށާއި، އަންނަން އޮތް ޖީލުގެ ވިޔަފާރިވެރިންނާއި އީޖާދީ ފަރާތްތަކުގެ މައްޗަށްކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ އިގުތިސާދަށްވެސް އާ ދިރުމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ކުދި ދެ ޖަޒީރާ ގައުމުގެ ގޮތުގައި ސްރީލަންކާއާއި ރާއްޖެއަކީ އަބަދުވެސް ގާތް ރަހުމަތްތެރިންކަމަށާއި، ދެ ގައުމުގެ ގުޅުން ހަމައެކަނި ޑިޕްލޮމެޓިކް ގުޅުމަކަށް ވުރެ ފުޅާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމުގެ އިގުތިސާދަށް މުހިންމު ހިއްސާއެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވިޔަފާރިވެރިންނަށް ފަހި، ހާމަކަން ބޮޑު އަދި ހަމަޖެހޭ މާހައުލެއް ގާއިމުކޮށްދިނުމަށް ލަންކާ ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުން ބިނާވެފައިވަނީ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާ ދެމެދު އޮންނަ ބަދަހި ގުޅުމެއްގެ މައްޗަށްކަން ފާހަގަކުރައްވައި، އާދަކާދައިގެ ވިޔަފާރީގެ ވިސްނުމުން ބޭރުން އާ ފުރުސަތުތަކަށް ވިސްނުމަށް ދެ ގައުމުގެ ވިޔަފާރިވެރިންނަށް އޭނާ ބާރުއެޅުއްވިއެވެ.

comment ކޮމެންޓް