ބަންގްލަދޭޝްގެ ގާމެންޓް މަސައްކަތްތެރިން ކުރާ މުޒާހަރާތައް ވަރުގަދަވެ، ކާރުޚާނާތައް ބަންދުކުރަން ޖެހިއްޖެ

ބަންގްލަދޭޝްގެ ގާމެންޓް (ފޭރާން އުފައްދާ) ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ މުރާޖައާ ކުރުމަށް ޓަކައި ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ވޭޖް ބޯޑެއް އެކުލަވާލައި، އަނބުރާ މަސައްކަތަށް ނުކުތުމަށް ސަރުކާރުން އިލްތިމާސްކޮށްފައި ވަނިކޮށް ވެސް، މުސާރަ ބޮޑުކުރުމަށް ގޮވާލައި އެ ގައުމުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތައް އިތުރަށް ފުޅާވެއްޖެއެވެ.

ސީއެންއޭގައި ރޮއިޓާޒްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން، ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާތީ، މަސައްކަތްތެރިން ޑިމާންޑް ކުރަމުންދަނީ އެންމެ ކުޑަމިނުން މަހަކު ދޭ އުޖޫރަ 30،000 ޓަކާ (ގާތްގަނޑަކަށް 245 އެމެރިކާ ޑޮލަރު) އަށް ބޮޑުކޮށްދިނުމަށެވެ. މިއީ މިހާރު ދެމުންދާ 12،500 ޓަކާއަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ. މަސައްކަތްތެރިން ބުނަމުންދަނީ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މިހާރު ލިބޭ މުސާރައިން ދެކޮޅު ނުޖެއްސޭ ކަމަށެވެ.

ބަންގްލަދޭޝްގެ ލޭބާ އެންޑް އެމްޕްލޯއިމަންޓް މިނިސްޓަރު އާރިފުލް ޙައްޤު ޗައުދަރީ ވިދާޅުވީ، ވޭޖް ބޯޑު އެކުލަވާލީ މަސައްކަތްތެރިންގެ މަންދޫބުންނާއި ސިނާއަތުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި މި އިހުތިޖާޖުތައް މިގޮތަށް ދިގުލައިގެން ހިނގައްޖެނަމަ ބޭރު ގައުމުތަކަށް މުދާ ފޮނުވުމަށާއި ފައިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފައެވެ.

ސަރުކާރުގެ އެންގުމަށް ބެލުމެއްނެތި، ވެރިރަށް ޑާކާ އަދި ސިނާއީ މުހިންމު ސަރަޙައްދުތަކުގައި އެތައް ހާސް މަސައްކަތްތެރިންނެއް ވަނީ މަގުތަކަށް ނުކުމެފައެވެ. ޑާކާގެ ބާރުބޮޑު މަގުތައް ބަންދުކުރުމުން ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން އެ މީހުން ރޫޅާލަން މަސައްކަތްކޮށްފައެވެ. މި ކުރިމަތިލުންތަކުގައި ބައެއް މީހުން ވަނީ ފުލުހުންނަށް އަމާޒުކޮށް ގާއުކާފައެވެ.

މީގެއިތުރުން، ގާޒީޕޫރުގެ މައި ހައިވޭ ބަންދުކުރުމާ ގުޅިގެން ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައި، 25 އާއި 30 އާ ދެމެދުގެ އަދަދަކަށް ފެކްޓަރީތައް ވަނީ ބަންދުކުރަން ޖެހިފައެވެ. މަސްރަޙު ކޮންޓްރޯލް ކުރުމަށް ޓަކައި މިހާރު ވަނީ ބޯޑަރު ގާޑް ބަންގްލަދޭޝްގެ ސިފައިން ވެސް ނެރެފައެވެ.

ޗައިނާއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ރެޑީމޭޑް އަންނައުނު ބޭރުކުރާ ގައުމަކީ ބަންގްލަދޭޝްއެވެ. މި ސިނާއަތުގައި ގާތްގަނޑަކަށް ހަތަރު މިލިއަން މަސައްކަތްތެރިން ހަރަކާތްތެރިވާއިރު، އެއީ އެ ގައުމުގެ ޖުމްލަ އެކްސްޕޯޓް އާމްދަނީގެ 80 އިންސައްތައަށްވުރެ ބޮޑު ބައެކެވެ. އަދި މިއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 10 އިންސައްތައެވެ. ނަމަވެސް، އުފެއްދުންތެރިކަމުގެ ޚަރަދުތައް ބޮޑުވުމާއި، ގޭހާއި ކަރަންޓުގެ ދަތިކަމުގެ އިތުރުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކާރުޚާނާތަކުގެ ވެރިންނަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

comment ކޮމެންޓް