އިންތިޚާބުގައި ބަލިވުން ހުއްޓުވަން ޓްރަމްޕް ވަނީ ނުބައި ރޭވުންތަކެއް ރާވާފައި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް --

ލަންޑަން (1 އޮކްޓޯބަރު 2026): އަންގާރަ ދުވަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކާމިޔާބު ނުވެއްޖެނަމަ އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފައްދައި އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާވާފައިވާ ކަމަށް އެމެރިކާގެ ބައެއް މަސްދަރުތަކާ ހަވާލާދީ "ދަ ގާޑިއަން" ނޫސް ބުނެފިއެވެ.

މި ނޫސް ބުނާގޮތުން ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ އަޣްލަބިއްޔަތު ގެއްލޭގޮތަށް އިންތިޚާބުގެ ނަތީޖާ ނުކުމެއްޖެނަމަ އެކަމާ ދެކޮޅަށް ގިނަ ކަންތައްތަކެއް ޓްރަމްޕް ވަނީ ރާވައިފައެވެ. މީގެ ތެރެއިން އެންމެ ބޮޑުކަމަކީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅުހެދުމެވެ. މީގެއިތުރުން ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި ފަރާތްތައް ވޮޝިންޓަނާއި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބު ލިބޭ ސްޓޭޓްތަކުގެ މަގުތަކަށް ނެރެ ހަމަނުޖެހުން ހިންގުމާއި ކޮންގްރެސްގެ ޖަލްސާތައް ހިނގިޔަ ނުދީ އެތަނުގައި އަޑުގަދަކޮށް ޖެއްސުން ކުރުމުގެ އަމަލުތައް ހިންގުމާއި ޓްރަމްޕްގެ ކެންޑިޑޭޓުން ބަލިކޮށްފައި އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓުންނަށް ބިރުދެއްކުމުގެ ހަރަކާތްތަކެއް ވެސް ޓްރަމްޕް ވަނީ ރާވާފައި ކަމަށް މިދެންނެވި މަސްދަރުތަކާ ހަވާލާދީ ދަ ގާޑިއަން ބުނެއެވެ.

ޓްރަމްޕްގެ މި ރޭވުންތަކަކީ ފަސޭހައިން ތަންފީޒު ކުރެވޭނެ އަދި ކޯޓުތަކުގެ ކުރިމަތީގައި އޭނާއަށް ނާކާމިޔާބު ލިބޭނެ ކަންކަމަށް ވިޔަސް އިންތިޚާބުގައި ނާކާމިޔާބު ލިބިއްޖެނަމަ މިއަށްވުރެ ބޮޑެތި ކަންކަން ކުރުމަށް ވެސް ޓްރަމްޕް ވަނީ ރާވައިފައި ކަމަށް ވެއެވެ. މީގެތެރޭގައި ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެނަމަ އެމެރިކާގައި ކުއްލި ހާލަތު އިއުލާންކޮށް އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ފެޑްރަލް ސަރުކާރު ވަދެގަނެ ޓްރަމްޕް ގެ ކޮންޓްރޯލްގެ ދަށަށް އެމެރިކާގެ އިންތިޚާބުތަކާ ބެހޭ އިންތިޒާމުތައް ގެނައުން ހިމެނެއެވެ.

މީގެއިތުރުން ނާކާމިޔާބަށް ދާންޖެހޭނެކަން ޔަގީންވާ ހިސާބުން ފެށިގެން އެމެރިކާގެ ވޯޓުލާ މަރުކަޒުތަކަށް އެމެރިކާ ސިފައިންގެ ލަޝްކަރުތައް ފޮނުވައި އެތަންތަން ހިސާރުކޮށް ވޯޓު ފޮށިތައް ނުވަތަ ވޯޓުލުމަށް ބޭނުންކުރާ އިލެކްޓްރޯނިކް މެޝިންތައް އަތުލައި އެތަކެތި ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ވެސް ޓްރަމްޕް ރާވާފައި ކަމަށް ވަނީ ބެލެވިފައެވެ. މިއީ ޣައިރު ގާނޫނީ ކަންތައްތައް ކަމަށް ވިޔަސް މިކަންކަން ކުރަން ޓްރަމްޕް ފަސްނުޖެހޭނެކަމަށް "ދަ ގާޑިއަން" ބުނެއެވެ.

ޓްރަމްޕްގެ މި އަމަލުތަކާ ދެކޮޅަށް އެމެރިކާގެ ކޯޓުތައް ނުކުމެއްޖެނަމަ ކުއްލި ހާލަތު އިއުލާންކޮށް އެމެރިކާގެ ސިފައިން ނޫނީ ނެޝަނަލް ގާޑުންގެ ލަޝްކަރުތަކުގެ ސިފައިން ފޮނުވައިގެން ކޯޓުތަކުގައި ތަޅުއަޅުވައި ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރުކުރުމަށް ވެސް ޓްރަމްޕް ރާވާފައިވާކަމަށް ވަނީ ބެލެވިފައެވެ. މީގެއިތުރުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކުރުމަށް ކޯޓުތަކަށް ބިރުދެއްކުމަކީ ވެސް ޓްރަމްޕް ކޮށްފާނެކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާގެ ބައެއް ނޫސްތަކުން ވެސް ވަނީ މިޑްޓާމް އިންތިޚާބުގައި ނާކާމިޔާބު ވެއްޖެނަމަ އެކަން ހުއްޓުވުމަށް ޓްރަމްޕް ކަންތައްތަކެއް ރާވާފައިވާ ކަމުގެ ރިޕޯޓްތަކެއް ޝާއިއުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު