"ރާމާމަކުނަށް ދޮންކޭލެއް ނުވިއްކޭނެ" އެވެ. މިއީ އިތުބާރާއި، އަމާނާތްތެރިކަމާއި، އަދި އަޚުލާގާ ގުޅިފައިވާ ވަރަށް މުހިންމު އިންޒާރެކެވެ. އެއީ ރާމާމަކުނަކީ ދޮންކޭލަށް ނުހަނު ދަހިވެތި އެއްޗެކެވެ. އެހެންކަމުން، މަކުނެއްގެ އަތަށް ދޮންކޭލެއް ދީފިނަމަ، އެ ވިއްކުމުގެ ބަދަލުގައި މަކުނު އިސްކަންދޭނީ އެ ކައި ހުސްކޮށްލުމަށެވެ. އެހެންކަމުން ގައުމު ހަމަ މަގަށް އަޅުވައި, ތަރައްގީކޮށް, އިސްލާހު ކުރަން, "ވަގުން" ގޮވައިގެންނެއް ކުރިއަކަށް ނުދެވޭނެއެވެ. އެފަދަ މީހުން ކައިރީގައި ތިބެއްޖެނަމަ އިސްލާހެއް ނުކުރެވޭނެއެވެ. ވާނީ ހަރާބެވެ.
ދައްކަން މިއުޅެނީ މިއަދާ ހަމައަށް އައިއިރު، ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ މަސްރަހު އޮތް ނާޒުކު ފައްތަރުގެ ވާހަކައެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބަށް ޕާޓީގެ މެންބަރުން ތައްޔާރުވަމުންދާއިރު، ގައުމީ ފެންވަރުގައި އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ މިއީއެވެ. ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު ހިނގާ ސިޔާސީ ކޯޅުމުގެ މި އާ މަރުހަލާ ކާމިޔާބުކުރާނީ ކާކު ހެއްޔެވެ؟ ނަޝީދާއި މީކާއީލް އަޙްމަދު ނަސީމް ވާދަ ކުރެއްވި ނަމަވެސް ހަގީގަތަކީ މިއީ ހަމަ ނަޝީދާއި ޞާލިޙުގެ ވާދަވެރި ކަމުގެ އިތުރު ބޮޅެއް ކަމެވެ.
ކުރީގެ ރައީސް ޞާލިޙާއި ނަޝީދު: ދެ ބޭފުޅުން އެކުގައި ފެނުމުން ގިނަ ބަޔަކު ތިބީ އުންމީދު އާވެފައި -- ފޮޓޯ/ އެމްޑީޕީ
ނަމަވެސް މިއަށްވުރެ މާ މުހިންމު ސުވާލެއް އެބައޮތެވެ. ރައްޔިތުންގެ އިތުބާރު އަލުން ލިބި, އިންތިޚާބުތައް ކާމިޔާބުވަމުން އަންނަ ދުވަސްވަރެއްގައި އެމްޑީޕީއަށް ހަގީގީ ބަދަލެއް އަތުވެއްޖެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަކީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް އޮތް ކަމެއް ނޫނެވެ. މިއީ ރާއްޖެއަށް މިއަށްވުރެ ރަނގަޅު ސިޔާސީ މާހައުލެއް ހައްގުކަމަށް ގަބޫލުކުރާ ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުމަކަށް ވާންޖެހެއެވެ. ޕާޓީގެ އެތެރޭގެ ކޯޅުންތަކުގެ ސަބަބުން، އަސްލު މައްސަލަ ކަމަށްވާ ނަޒާހަތްތެރިކަން ވަނީ އޮބިގެން ގޮސްފައެވެ.
ޕާޓީއެއްގެ އެތެރޭގެ އިންތިޚާބު މިހާ ފޯރިގަދަ ވުމަކީ ޑިމޮކްރެޓިކް ނަޒަރަކުން ބަލާއިރު ހަގީގަތުގައި އުފާވެރި މަންޒަރެކެވެ. އެއީ އެކަން އޮންނަން ވެސް ޖެހޭނެ ގޮތެވެ. ނަމަވެސް ޗެއާޕާސަންގެ އިންތިޚާބުގެ ފޯރިގަދަ ކެމްޕެއިނުން އަނެއްކާވެސް ހާމަވެގެން މި ދިޔައީ ކަންބޮޑުވާންޖެހޭ ފަދަ ހަގީގަތެކެވެ. އިންތިޚާބުގެ ދެ ފަޅިންވެސް އިސް ސަފުން ފެންނަނީ ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ސުވާލު އުފެދޭ ސިޔާސީ ޑީލްތަކުގެ އިތުރުން, ނުހައްގު މުއްސަނދި ކަމާއި ވެރިކަން ހިންގުމުގެ ނިޒާމު ގޯސްކޮށް ބައްޓަންކުރުމުގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކެވެ. އެ ފަރާތްތަކުން އަދިވެސް ޕާޓީގެ އިސް ސަފުގައި ތިބެގެން ނުފޫޒު ފޯރުވަމުންދާ މަންޒަރެވެ. އިންތިޚާބާ ޖެހުނީމަ އެއްކަހަލަ ތުހުމަތުތައް ކުރެވޭ މީހުން ފަޅިފަޅިއަށް ވަދެ ހިމާޔަތް ހޯދީއެވެ.
މައްސަލައަކީ މީހުން ނަޝީދަށް ނުވަތަ ޞާލިޙަށް ތާއީދުކުރުމެއް ނޫނެވެ. ޑިމޮކްރަސީއެއްގައި ސިޔާސީ ވާދަވެރިކަމަކީ އޮންނަންޖެހޭ ރަނގަޅު ކަމެކެވެ. އަސްލު މައްސަލައަކީ، މާޒީގެ ގޯސްތަކާއި މުސްތަގުބަލާ ދެމެދު ސާފު ރޮނގެއް ދަމަން އެއްވެސް ފަޅިއަކުން ތައްޔާރަށް ނެތްކަމެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާއި ވެންޓިލޭޓަރު މައްސަލަ އާއި ފެނަކަ ހިޔާނާތާއި ނުފޫޒުން ފްލެޓާއި ބިންތައް ބެހުންފަދަ ކަންކަމުގައި ތުހުމަތުގެ އިނގިލި ދިއްކުރެވުނު ފަރާތްތައް މިއަދުވެސް ޕާޓީގެ ނިންމުންތައް ނިންމާ ފަޑީގައި ތިބުމަކީ އާންމުންގެ އިތުބާރު ގެއްލޭ ކަމެކެވެ.
"އިސްލާހު ކުރާނީ ކިހިނެއް މަޖިލިސް މެންބަރުންނަށް ތިބެގެން ކަޓް ނަގައިގެން ޕްރޮޖެކްޓް ހިންގި މީހުން ގާތަށް ލައިގެން. އެ މީހުން އެ ތިބެނީ އަދިވެސް ޕާޓީ ވެރިންގެ ފޫބުޑުގައި. މާދަމާ ވެރިކަން ލިބުނީމަ އަނެއްކާ އަނެއް ބިން ގަންނާނީ އަނެއް ކުންފުނި ހުސްކޮށްލައިގެން. މިއެއް ނޫން މި ބޭނުންވާ އިސްލާހަކީ," އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން އުޅޭތީ ހިތްހަމަ ނުޖެހިފައި ހުރި އެމްޑީޕީގެ ޒުވާނަކު ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު, ޕާޓީގެ އެތެރޭގައި ތިބޭ ކޮރަޕްޓް މީހުންގެ މައްސަލަތަކަށް ހައްލު ނުހޯދާނަމަ ސިޔާސީ ޕާޓީތަކަށް ވޯޓުދޭން ރައްޔިތުން މިހާރު ދެކޮޅުހަދައެވެ. އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއީއެސް) ފަދަ ޖަމާއަތްތަކުގެ ދިރާސާތަކުން ތަކުރާރުކޮށް ދައްކާ ގޮތުގައި، ކޮރަޕްޝަންގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލި، ޑިމޮކްރެޓިކް މުއައްސަސާތައް ބަލިކަށިވެ، ސިޔާސީ ކަންކަމުގައި އާންމުން ބައިވެރިވުން މަދުވެއެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އެންމެ ބޮޑަށް ގަބޫލުކުރެވެނީ، އެހެން މީހުންގެ ކިބައިން ސިޔާސީ ޕާޓީތަކުން އެދޭ މިންގަނޑުތައް އެ ޕާޓީތަކުގެ އަމިއްލަ އެތެރޭގައިވެސް ތަންފީޒުކުރާ ނަމައެވެ.
މިއީ އިދިކޮޅު ޕާޓީއަކަށް ވަކިން ޚާއްސަކޮށް މުހިންމު ކަމެކެވެ. އިދިކޮޅު ޕާޓީއެއްގެ އެންމެ މުހިންމު ދައުރަކީ ޖަވާބުދާރީކުރުވުމެވެ. ސަރުކާރުގެ ޚަރަދުތައް ބަލައި، ގޯސްކޮށް ހިނގާ ކަންކަން ފަޅާއަރުވާލައި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ގޮވާލުމަކީ އެ މީހުންގެ ޒިންމާއެކެވެ. ނަމަވެސް އިދިކޮޅު ލީޑަރުންގެ ވަށައިގެން ތިބެނީ އެ މީހުންގެ އަމިއްލަ މާޒީއާ މެދު ސީރިއަސް ސުވާލުތަކެއް އުފެދިފައިވާ ބައެއް ނަމަ، އެ ގޮވާލާ ގޮވާލުމުގެ ބާރު ކެނޑިގެންދެއެވެ. ސަރުކާރުން ކުރާ ގޯސް ކަންކަމަށް ފާޑުކިޔުމުގެ އަޚުލާގީ ހައިސިއްޔަތު އިދިކޮޅު ޕާޓީއަށް ލިބެނީ އެ ޕާޓީއަކީ ސާފުތާހިރު ބަޔަކަށް ވެގެންނެވެ.
އެހެންކަމުން، މިއަދު އެމްޑީޕީއަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ޗެއާޕާސަންގެ އިންތިޚާބަކަށްވުރެ މާ ބޮޑު ކަމެކެވެ. މިއީ އިތުބާރުގެ މައްސަލައެކެވެ. އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ބުނާ ގޮތުގައި، ދެން އަންނަ އިންތިޚާބެއްގައި ސަރުކާރު ބަލިކުރުމަށް ޕާޓީން އިސްކަންދޭން ޖެހެއެވެ. ނަމަވެސް އިންތިޚާބީ ކާމިޔާބީއާއި ސިޔާސީ އިސްލާހަކީ އެކީގައި ނުގެންދެވޭނެ ދެ ކަމެއް ނޫނެވެ. ހަގީގަތުގައި، ކާމިޔާބު ޑިމޮކްރެޓިކް ޕާޓީތަކުން އެ މީހުންގެ ބާރު ގަދަކުރަނީ ޖަވާބުދާރީވުމުން އެއްވެސް މީހަކު އިސްތިސްނާ ނުވާނެކަން ސާބިތުކޮށްދީގެންނެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް: -- ފޮޓޯ/ އެމްޑީޕީ
މިސާލަކަށް، ޖަޕާނުގެ ވެރިކަންކުރާ, ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް އާންމުންގެ ބޮޑު ފާޑުކިޔުމަކާ ކުރިމަތިވީ، ރިޕޯޓުނުކުރާ ފައިސާއާއި އިސް ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ހިންގި ސިޔާސީ ފައިސާގެ ބޮޑެތި ސްކޭންޑަލްތަކަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނެއް އިސްތިއުފާ ދެއްވަން މަޖުބޫރުވިއެވެ. މިއިން ދައްކައިދެނީ ސިޔާސީ ޕާޓީތަކުން އަޚުލާގީ މިންގަނޑުތައް ހިފަހައްޓަން ނުކުޅެދިއްޖެނަމަ، އާންމުންގެ އިތުބާރު ކިހާ އަވަހަކަށް ގެއްލިގެންދާނެކަމެވެ. ކޮރަޕްޝަންގެ އަމަލުތަކަކީ "އަހަރެމެންގެ ފަޅީގައި" ތިބޭ މީހުން ކުރިޔަސް ގޯހެއް ނޫންކަމަށް ދެކޭ ވިސްނުމަކީ ޑިމޮކްރަސީގެ ހަލާކެވެ.
އެމްޑީޕީއަކީ އެއްއިރެއްގައި ޑިމޮކްރެޓިކް އިސްލާހުތަކާއި، ދެފުށް ފެންނަ ސިޔާސަތުތަކާއި، ޖަވާބުދާރީވުމުގެ ވައުދުގެ މައްޗަށް ބިނާކުރެވުނު ޕާޓީއެކެވެ. އެ އަގުތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލުމަށް އެހީތެރިވެދިނެވެ. ޕާޓީން އަލުން އާންމުންގެ އިތުބާރު ހޯދައި، ވެރިކަމާ ހަވާލުވާން ތައްޔާރަށް އޮތް ބައެއްގެ ގޮތުގައި ފެންނަން ބޭނުންނަމަ، އެ އުސޫލުތަކަށް އެނބުރި ރުޖޫއަވާން ޖެހެއެވެ. އޭގެ މާނައަކީ ލީޑާޝިޕްގެ މަގާމުތަކަށް ސާފު އަޚުލާގީ މިންގަނޑުތަކެއް ކަނޑައެޅުމެވެ. އާންމުންގެ އިތުބާރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ފަރާތްތަކަށް މަގާމުތައް ދިނުމަށް ދެކޮޅުހެދުމެވެ. އަދި ސިޔާސީ ފައިސާއާއި ޕާޓީ ހިންގުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލުތަކަކަށް ތާއީދުކުރުމެވެ.
އެންމެ މުހިންމު ކަމަކީ، ކޮރަޕްޝަނަކީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫންކަން ގަބޫލުކުރުމެވެ. އެއީ އަޚުލާގީ އަދި ސިޔާސީ މައްސަލައެކެވެ. އެމްޑީޕީގެ މުސްތަގުބަލު ނިންމަންވާނީ، ނުފޫޒުގަދަ ފަރާތްތަކުގެ އެންމެ ބޮޑު ގްރޫޕެއް އެއްކުރެވޭނީ ކޮން ފެކްޝަނަކަށްތޯ ބަލައިގެންނެއް ނޫނެވެ. އެކަން ނިންމަންވާނީ އާންމުންގެ އިތުބާރު އަލުން ހޯދައިދެވޭނީ ކޮން ތަސައްވުރަކަށްތޯ ބަލައިގެންނެވެ.
ޕާޓީން ހަގީގަތުގައިވެސް އަލުން ރާއްޖޭގެ ވެރިކަމާ ހަވާލުވާން ބޭނުންނަމަ، އެންމެ ފުރަތަމަ އެ މީހުންގެ އަމިއްލަ ގޭތެރެ ސާފުކުރަން ތައްޔާރަށް ތިބިކަން ސާބިތުކޮށްދޭން ޖެހެއެވެ. ގައުމަށް ބޭނުންވަނީ ނަޝީދާއި ޞާލިޙުގެ ވާދަވެރިކަމުގެ އިތުރު ބާބެއް ނޫނެވެ. ފެކްޝަނަށް އޮންނަ ވަފާތެރިކަމަށްވުރެ ނަޒާހަތްތެރިކަން މުހިންމުވާ ސިޔާސީ ސަގާފަތެއް ބިނާކުރުމަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ. އެހެން ނޫންނަމަ، ރައްޔިތުންގެ ކުރިމަތީގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދައްކާނެ އެއްވެސް އުޒުރެއް، އަދި ހޯދާނެ އިތުބާރެއް ނޯންނާނެއެވެ. ނަމަވެސް އަދި އެ މަންޒަރެއް ނުފެނެއެވެ. ޗެއާޕާސަން އިންތިޚާބާއެކު ވެސް ދެ ފަޅީގެ އިސް ސަފުން މި ފެންނަނީ އެއްކަލަ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންނެވެ. މަކުނަށް ދޮންކެޔޮ ނުވިއްކޭހެން, އެ މީހުން ގޮވައިގެން އިސްލާހީ މަސައްކަތެއް ނުކުރެވޭނެއެވެ.