ސިޔާސީ މަގާމެއް ލިބުނުއިރު ދެ މީހުން, ތިން މީހުން ލައިގެން ހިންގަމުން ދިޔަ ކުދިކުދި ކުންފުނިތަކަށް ކުއްލިއަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ޕްރޮޖެކްޓްތައް ލިބެނީއެވެ. ގިނަ ފަހަރަށް ބިޑަކާ ވެސް ނުލައެވެ. ނުއަގުގައެވެ. ދެން ފެންނަނީ ކުއްލިއަކަށް އެ ސިޔާސީ މީހާ ބޮޑު މަހުޖަނަކަށްވާ މަންޒަރެވެ. އަދި އެ ނުހައްގުން ހޯދި ފައިސާގެ ބޮޑު ބުރަ ނިކަމެތި ރައްޔިތުން އުފުލަން ޖެހޭ މަންޒަރެވެ. މިއީ އިއްޔެ އާއި މިއަދު ރާއްޖޭގެ ހާލަތެވެ.
ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލައަކީ ހައްދުފަހަނަޅާފައިވާ، އަދި ނިޒާމީ ގޮތެއްގައި މޫލާފައިވާ ބޮޑު މައްސަލައެކެވެ. ކޮންމެ ފަސް އަހަރަކުން ސަރުކާރުތައް ބަދަލުވާއިރު، ކޮންމެ ސަރުކާރެއްގައި ވެސް ނާޖާއިޒު ގޮތުގައި ނުހައްގު މުއްސަނދިކަން ހޯދާ މީހުން އިންތިހާއަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އެކި ދައުރުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ އެކިއެކި މަގާމުތައް ފުރުއްވި އެތައް ބަޔަކު ވަނީ ރިޝްވަތާއި ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާފައެވެ.
މިފަދަ އަމަލުތައް ހިންގުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސިޔާސީ އެހެން ހިމާޔަތްތައް ހޯދުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. ރާއްޖޭގައި މިހާތަނަށް ވެރިކަން ކޮށްފައިވާ ހުރިހާ ޕާޓީތަކެއްގެ އިސް ސަފުގައި ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ތިބިކަމީ ފެންނަން އޮތް ހަގީގަތެކެވެ. މިކަން ހުއްޓުވުމަށްޓަކައި އެންމެ މުހިންމު އެއް ފިޔަވަޅަކީ ކޮރަޕްޝަނާއި ޚިޔާނާތާއި ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގުމެވެ.
ފަސް އަހަރުން ދައުރު ބަދަލުވާއިރު ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނާއި ނާޖާއިޒު ގޮތުގައި މުދާ ހޯދާ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމެވެ. ސަބަބަކީ އެ މީހުން އެތެރެއެތެރެއިން ގުޅިފައި ތިބުމެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި، ސަރުކާރުތަކުން ވެރިކަން ކުރާއިރު ކޮރަޕްޝަން ހިންގަން އޮންނަނީ ފުރުސަތު ފަހިކޮށްދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތު ދެނީ ކޮރަޕްޝަނުން ހޯދާ ފައިސާ ތިން ބަޔަކަށް ބައިއަޅާ ގޮތަށެވެ. އޭގެ ތެރެއިން އެއް ބަޔަކީ އޭރަކު ވެރިކަން ކުރާ ޕާޓީ ކަމަށާއި، އަނެއް ބަޔަކީ އޭރަކު ހުންނަވާ ރައީސެއް ކަމަށާއި، ތިންވަނަ ބައި ލިބެނީ އެ ކޮރަޕްޝަން ހިންގާ މީހާއަށް ކަމަށް އުމަރު ވިދާޅުވިއެވެ.
މި ވާހަކައަށް ބާރުލިބޭ އެންމެ ބޮޑު ހެއްކަކީ، ދައުލަތުގެ މުދަލުން ވައްކަން ކުރާ މީހުންނަށް އެ މީހެއްގެ ޕާޓީގެ ވެރިކަމުގައި ވެސް އަދި އިދިކޮޅުގައި އޮންނައިރު ވެސް ހިމާޔަތް ލިބޭތީއެވެ. ވަގުންނާއި ވަގުން ތިބެނީ އެތެރެއެތެރެއިން ގުޅިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ބެލިޔަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ބެލިޔަސް، އަދި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ބެލި ނަމަވެސް ކޮރަޕްޝަންގެ އެތައް އަމަލެއް ވަނީ ހިންގާފައެވެ. ވެރިކަމަށް އަންނަނީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ވަގަށް ގޮވަމުންނެވެ. އެކަމަކު އައިސް ކުރަނީ ހަމަ ވައްކަމެވެ. މި ސަރުކާރަށް ވެސް އެފަދަ ތުހުމަތުތަކެއް އެބަ ކުރެވެއެވެ. މި ހުރިހާ ސަރުކާރުތަކެއްގައި ވެސް މަދުން ނޫނީ މިފަދަ މައްސަލައެއް ބަލައި ފިޔަވަޅު އެޅިފައެއް ނެތެވެ.
ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން ނުއަގުގައި މަސައްކަތްތައް ނަގައިގެން ކޮރަޕްޝަން ހިންގުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ނެރެފައިވާ 2024 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއަށް ލިބިފައިވަނީ 100 އިން 38 ޕޮއިންޓާއެކު 96 ވަނައެވެ. މިއީ ކޮރަޕްޝަންގެ ހާލަތު ގޯސްކަން އަންގައިދޭ މިންގަނޑެކެވެ. ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު، އޭގެ އެންމެ ބޮޑު އެއް މިސާލަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ސަބަބުން ދައުލަތަށް ހަތަރު ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ 1.04 ޕަސެންޓެވެ. މީގެ އިތުރުން، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބާޒާރުގެ އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަކީ ވެސް އާންމުވެފައިވާ ކަމެކެވެ. އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުން މިފަދަ އެތައް މައްސަލައެއް ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ފައިސާ ގެއްލުމުގެ ސަބަބުން، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ސިއްހީ އަދި ތައުލީމީ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ގައުމުގެ އުމްރާނީ ތަރައްގީއަށް ހުރަސްއެޅެއެވެ. އަދި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ބޭރުގެ ފަރާތްތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެއެވެ.
ރައީސުން: ކޮރަޕްޝަން ހުއްޓުވަން ބޭނުންވަނީ އިހުލާސްތެރި ލީޑަރެއް-- ސަން ގްރެފިކްސް: އަލީ އަލްތޯފްމިފަދަ ހާލަތެއްގައި ގައުމު އޮއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މިއީ ރަނގަޅަށް ތަންފީޒު ކުރެވިއްޖެ ނަމަ, ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ވަރަށް ރަނގަޅު ފެށުމެކެވެ. މީގެ ކުރިން ވެސް ބައެއް ގާނޫނުތަކުގައި މިފަދަ މާއްދާތައް ހިމަނާފައިވެއެވެ. މިސާލަކަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މީގެ ކުރިން ހުށަހެޅި ބިލެއްގައި ވެސް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުން ހިމަނާފައިވެއެވެ. ނަމަވެސް، ޚާއްސަ ގާނޫނެއްގެ ދަށުން ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ކޮރަޕްޝަންގެ އަމަލުތަކަށް އޮތް ބޮޑު ހުރަހަކަށް ވާނެއެވެ. މި ބިލު ރަނގަޅަށް ތަންފީޒުކުރެވިއްޖެނަމަ، ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް މަގުފަހިވެ، ކޮރަޕްޝަން ހިންގުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެގެންދާނެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރާއި ޗައިނާ ފަދަ ގައުމުތަކުގައި މިފަދަ މައްސަލަތައް ހައްލުކުރަނީ ދައުލަތަށް މުދާ ނަގާ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ. ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން އަމަލުކުރާ ގޮތަށް ބަލާއިރު، ދައުލަތުގެ މުވައްޒަފެއްގެ އަތުގައި އޭނާއަށް ލިބޭ އާމްދަނީއާ ނުބައްދަލު މުދަލެއް ނުވަތަ ފައިސާއެއް ހުރިކަން ސާބިތުވެއްޖެނަމަ، އެއީ ކޮރަޕްޝަނުން ހޯދާފައިވާ އެއްޗެއް ކަމަށް ބަލައި، އެ މުދަލެއް ދައުލަތަށް ނެގުމުގެ ބާރު އެ އިދާރާއަށް ލިބިގެންވެއެވެ. އަދި އެ މުދާ ހޯދި ގޮތް ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހެނީ ތުހުމަތުކުރެވޭ ފަރާތުންނެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދު އޮތް ޗައިނާގައި ވެސް ކޮރަޕްޝަންގެ ކުށް ސާބިތުވާ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އެ ފަރާތްތަކަށް މަރުގެ އަދަބު ދިނުން ފަދަ ހަރުކަށި ފިޔަވަޅުތައް އަޅައެވެ. މިފަދަ ނިޒާމުތަކުގެ ސަބަބުން އެ ގައުމުތަކުގައި ކޮރަޕްޝަންގެ އަމަލުތައް މަދުކުރެވި، އާންމު ރައްޔިތުންގެ އިތުބާރު ދައުލަތުގެ މުއައްސަސާތަކަށް ލިބިފައިވެއެވެ.
ރާއްޖޭގައި ވެސް ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީ އިތުރުވެ، އެ ފައިސާ ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ކޮރަޕްޝަން ހިންގުމަކީ ފައިދާއެއް ނެތް، ނުރައްކާތެރި ކަމެއްކަން ކަށަވަރުވެގެންދާނެއެވެ.
ނަމަވެސް، ރާއްޖޭން ކުރަންވީ ކަމަކީ ހަމައެކަނި ގާނޫނު ހެދުމެއް ނޫނެވެ. އެ ގާނޫނުތައް ތަންފީޒުކުރުމަކީ އެންމެ މުހިންމު ކަމެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި އޭސީސީއާއި، ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ފަދަ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަން ލިބިދޭން ޖެހެއެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަންފީޒީ ނިޒާމެއް ނެތި، ހަމައެކަނި ގާނޫނެއް ވުޖޫދުވުމަކުން ނަތީޖާއެއް ނުނެރެވޭނެއެވެ.
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު ގާނޫނަކަށްވެ، އޭގެ ދަށުން އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅެން ފެށުމުން ނޫނީ، ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައެއް ނުދެވޭނެއެވެ. މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ، ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށް، އޭގެ ދަށުން ހަގީގީ މާނައިގައި ކޮރަޕްޓް ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނީ ކޮން އިރަކުންތޯއެވެ. ނުހައްގު މުއްސަނދިކަން ހޯދައިގެން ފާޅުގައި އުޅޭ މީހުން ރާއްޖޭގައި ވަރަށް ގިނައެވެ. އެ މީހުން ހުއްޓުވަން ޖެހެއެވެ. އެކަން ކުރެވޭ ޖާނާއިޒުކޮށް ހޯދާފައިވާ މުދާ ދައުލަތަށް ނަގައިގެންނެވެ.