ކުޅަދާނަ ފިލްމު ޑައިރެކްޓަރު ފާޠިމަތު ނަޙްލާގެ ދިވެހި ފިލްމް "މަޖުނޫން"ގެ ލީޑު އެކްޓަރު ނުވަތަ ބަތަލު މިއަދު ހާމަކޮށްފިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހު އޮލިމްޕަހުގެ ސްކްރީންގައި އަޅުވާ މި ފިލްމުގެ ލީޑު އެކްޓަރަކީ އަރަމުން އަންނަ ފިލްމީތަރި އަޙްމަދު ޝާރިފެވެ.
މަޖުނޫން ފިލްމުގެ ފޭސްބުކް ޕޭޖުގައި ނަހުލާ ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ޑްރާމާ "އެހެނަސް"އިން ތައާރަފުވި ޝާރިފް ވަނީ، މިދިޔަ އަހަރު އެޅުވި ފިލްމުތައް ކަމަށްވާ "އަބަދަށް"، އަދި "ލިލީ"ގައި މޮޅު އެކްޓިންއެއް ދައްކައިފައެވެ.
ނަޙްލާ ބުނީ، މަޖުނޫން ފިލްމުގެ ބަތަލެއް ހޯދަން އުނދަގޫވި ކަމަށެވެ. ސަބަބަކީ މަޖުނޫން ތައްޔާރުކުރަނީ އައު ޖޯންރާއަކަށްވެފައި، ފިލްމުގެ ވާހަކައިގައިވާ އަސަރު ގެނެވޭ ވަރުގެ ބަތަލެއް ހޯދުމަށް ވިސްނަން ޖެހުމުން ކަމަށް، ނަޙްލާ ބުންޏެވެ.
ޝާރިފަކީ މި ފިލްމުގެ ބަތަލުކަމަށް ވާއިރު، ފިލްމުގެ ބަތަލާއަކީ މަޝްހޫރު ތަރި މަރިޔަމް ޝިފާކަން ވެސް ނަޙްލާ ވަނީ، މަޖުނޫންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ނަޙްލާގެ ފިލްމު "ސޮރީ"ގައި މޮޅު އެކްޓިން އެއް ދެއްކި ޢާއިޝާ ލަޔާލީ ސިނާން (ލާލީ) އަދި އެވްލިން ލިވީ ފިރާޝް (އެވްލީ) ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ ކަމަށް، ނަޙްލާ ބުންޏެވެ.
މި ފިލްމުގައި މަގުބޫލު ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ނަޙްލާ ވަނީ ދީފައެވެ.
މަޖުނޫން ފިލްމުގެ ޝޫޓިންއަށް އަތޮޅުތެރެއަށް ފުރަން ހަމަޖެހިފައި ވަނީ އަޟްޙާ ޢީދު ބަންދަށްފަހު، މި ފެށޭ ޖޫން މަހުގެ ތިންވަނަ ދުވަހެވެ.
އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު އިއުލާނުކުރި މަޖުނޫން ފިލްމަކީ ލޯބީގެ ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ނަޙްލާ ޑައިރެކްޓްކުރާ މި ފިލްމަކީ ލޯބީގައި ހައްދުފަހަނައަޅާފައިވާ މީހެއްގެ ވާހަކަ ގެނެސްދޭ ފިލްމެއް ކަމަށް، ފިލްމު އިއުލާނުކޮށް އާންމުކުރި ޕޯސްޓަރުން އެނގެއެވެ.