އެމްޑީޕީއާ އަބަދުވެސް ޚިޔާލުތަފާތުވުން ބޮޑު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާހެން ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންނެވި ނިންމެވުމަށް ފުރިހަމަ އެއްބާރުލުން ދޭން އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީނާއި މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައި އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް ވަޑައިގަތީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުން ކަމަށް ތިން ރައީސުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރޭ ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ހަވީރު އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، ތިން ރައީސުންގެ އެއްބަސްވުމަށް އެ ޕާޓީން ފުރިހަމަ އެއްބާރުލުން ދިނުމަށް ފާސްކުރަން ގަރާރެއް ހުށަހަޅުއްވާފައެވެ.
"ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިބްރާހީމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގައި މި ޕާޓީ ބައިވެރިވުމަކީ ދިވެހި ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ގޮތް ކަމަށް ގަބޫލުކުރެވޭތީ، އެ ތިން ބޭފުޅުން އެއްބަސްވެވަޑައިގެން މެއި 15، 2026ގައި ނެރުއްވި ގުޅިގައިވާ ބަޔާން ބަލައިގަނެ، އެ ބަޔާނުގައިވާ މަސައްކަތްތައް ތަންފީޒުކުރުމަށް އެމްޑީޕީން އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވަން،" ފައްޔާޒު ހުށަހެޅުއްވި ގަރާރުގައިވެއެވެ.
އެ ގަރާރަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވަނީ ތާއީދުކުރައްވައިފައެވެ.
އެއަށްފަހު، ގައުމީ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.

މެއި 15 ވަނަ ދުވަހު ތިން ރައީސުން އެކުގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ
މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުންގެ ބައްދަލުކުރެއްވުމަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް 'ގެގް އޯޑަރެއް' ނެރެފައިވާކަން ފާހަގަކުރައްވައި، އެ އޯޑަރުގެ ދަށުން މިހާރުވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ ކަމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ޒިންމާއެއް އެބައޮތް ކަމަށެވެ.
ހަމައެއާއެކު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި މަގުމައްޗަށް މިއަދު މައި އިދިކޮޅު ޕާޓީ އެމްޑީޕީ ނޫން އެހެން ޕާޓީއެއް ނުނިކުންނަ ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ގެއްލިގެން އުޅޭއިރު، އެ ހައްގު ހޯދުމަށްޓަކައި އެމްޑީޕީއާ އެކީ މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް ޔާމީން ވަނީ މިފަހުން ވިދާޅުވެފައެވެ.