2 ނޫސްވެރިންނާއި އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ކަންބޮޑުވުންތަކަށް ބަލައި، އެޗްއާރުސީއެމުން ތަހުގީގެއް ހިންގަނީ

އަދަދު ނޫހުގެ މުޙައްމަދު ޝަހްޛާނާއި ލީވާން ޢަލީ ނާޞިރު (ކ-ވ): އެޗްއާރުސީއެމުން ވަނީ ތަހުގީގެއް ފަށަން ނިންމައިފައި --- ފޮޓޯ: މުޙައްމަދު ޝަރުހާން

ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރާ ޚިލާފުވެފައިވާ ކަމަށް ބުނެ، ބަންދުކޮށްފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޛާނާއި ލީވާން ޢަލީ ނާޞިރުގެ އިތުރުން، އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވައިލައި ކުރަމުންދާ އިހުތިޖާޖުން ހައްޔަރުކޮށް ބަންދުކުރި މީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގެއް ފަށަން ނިންމައިފިއެވެ.

އެޗްއާރުސީއެމުން އިއްޔެ 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ނެރުނު ގެގް އޯޑަރާ ޚިލާފުވި ކަމަށް ބުނެ، ބަންދުކުރި ޝަހްޛާނާއި ލީވާންގެ އިތުރުން އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ ޒިޔާރަތްތަކުގައި އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގުކުރަންޖެހޭ ކަންކަން ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށް އެޗްއާރުސީއެމުން ހާމަކޮށްފައިވެއެވެ.

ޝަހްޛާނާއި ލީވާން މިދިޔަ އަންގާރަ ދުވަހު ބަންދުކޮށްފައިވަނީ ގަޛްފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ޚިލާފުވިކަމަށް ބުނެއެވެ. އެގޮތުން، ލީވާން 10 ދުވަހަށް، އަދި ޝަހްޛާން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ދެ ނޫސްވެރިން ވެސް ބަންދުކުރީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީއެވެ.

ފާހަގަކުރެވޭ ގޮތުގައި، ނޫސްވެރިން ދޫކޮށްލަން ގޮވާލައި، ބުދަ ދުވަހުން ފެށިގެން ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން ބައެއް ފަރާތްތައް ހައްޔަރު ވެސް ކުރިއެވެ.

އިހުތިޖާޖުތައް ކުރިއަށްދާ މި ދަނޑިވަޅުގައި، ދެ ނޫސްވެރިން ދޫކޮށްލުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގޮވާލައްވައިފައެވެ. ހުކުރު ދުވަހު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ތިން ރައީސުން ވެސް ވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރަކާ ޚިލާފުވިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޛާނާއި ލީވާން ޢަލީ ނާޞިރު ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، މި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖުކުރި ބައެއް އާންމުންވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ފަރާތްތަކަށް ދިފާޢުވުމުގެ އެކަށީގެންވާ ފުރުޞަތު ދީފައިނުވާކަމުގެ ކަންބޮޑުވުންތައް ފާހަގަކުރެވިފައިވާތީ، އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުން (އެޗްއާރުސީއެމް) ވަނީ އެ ފަރާތްތަކާ ބައްދަލުކުރުމަށްފަހު މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް އިހުތިޖާޖުކުރަމުންދާއިރު، ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ވަނީ އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެން، ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.

  • އެޗްއާރުސީއެމްގެ ތަހުގީގު: ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި އާންމުންނާ ބައްދަލުކުރުމަށްފަހު، އެފަރާތްތަކުގެ ކަންބޮޑުވުންތައް އިތުރަށް ބެލުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
  • ނޫސްވެރިންގެ ބަންދު: ކޯޓު އަމުރާ ޚިލާފުވިކަމަށް ބުނެ ލީވާން 10 ދުވަހަށް އަދި ޝަހްޛާން 15 ދުވަހަށް ބަންދުކޮށްފައިވަނީ ދިފާޢުވުމުގެ ފުރުޞަތެއް ނުދީއެވެ.
  • ސިޔާސީ ލީޑަރުންގެ ގޮވާލުން: ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުالله ޔާމީން އަދި އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައްވައިފައެވެ.
  • މުޒާހަރާތައް ކުރިއަށްދިއުން: ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީއާއި ޕީއެންއެފުން ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިންވެސް އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
comment ކޮމެންޓް