އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނޭޅުމުން 3 ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަކީލާއި މެންބަރު ޢަބްދުލްޙަސީބާއި ނައިބު ރައީސް ޞަލާޙް: ހުށަހަޅަންޖެހޭ މުއްދަތުގައި އޮޑިޓް ރިޕޯޓު ހުށަނޭޅުމުން ތިން ޕާޓީއެއް ވަނީ ޖޫރިމަނާކޮށްފައި --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނާޅައިގެން ތިން ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ 'ސަން'އަށް މިރޭ ވިދާޅުވީ، އަހަރީ އޮޑިޓް ރިޕޯޓު ހުށަހެޅުން ލަސްވުމުގެ ސަބަބުން އިދިކޮޅު އެމްޑީޕީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓު އެއް ގޮތަކަށް ވެސް ހުށަނާޅައިގެން އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހަޅަން ސިޔާސީ ޕާޓީތަކަށް ދިނީ މިދިޔަ މެއި މަހުގެ 20ވަނަ ދުވަހާ ހަމައަށެވެ.

މި މުއްދަތުގައި އޮޑިޓް ރިޕޯޓުތައް ހުށަހެޅީ ވެރިކަންކުރާ ޕީއެންސީއާއި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އެވެ.

ޙަސަން ވިދާޅުވީ އެމްޑީޕީން އޮޑިޓް ރިޕޯޓު ހުށަހެޅީ މުއްދަތު ހަމަވި ފަހުން ޖޫން މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން މިދިޔަ އަހަރުގެ މާލީ ރިޕޯޓު ވެސް ހުށަނާޅައެވެ.

"މިހާރު އެ މުއްދަތުގައި ހުށަނާޅާ އޮތީމަ އަންގައިފަ އޮންނާނީ ހުށަހަޅަން، އެއްވެސް ވަރަކަށް ހުށަނާޅައިފިއްޔާ ދެން އެ ޕާޓީއާ ބައްދަލުކޮށްފައި ވާހަކަ ދައްކައިފައި ދެން އެއްގޮތަކަށް ވެސް ހުށަނާޅައިފިނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނަން،" ޙަސަން ވިދާޅުވިއެވެ.

ތިން ޕާޓީ ވެސް ޖޫރިމަނާކުރީ ބައިލައްކަ ރުފިޔާއިންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ކޮންމެ ޕާޓީއަކަށް ލިބޭ އާމްދަނީއާއި އެ ޕާޓީއަކުން ކުރާ ޚަރަދުތަކުގެ ތަފުސީލީ ހިސާބުތައް ބަލަހައްޓަންވާނެއެވެ. އަދި އޮޑިޓަރު ޖެނެރަލް ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް އަހަރަކު އެއް ފަހަރު ފައިސާގެ ހިސާބުތައް އޮޑިޓުކޮށް، އޮޑިޓު ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.

އެގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިިނަވެގެން ތިން މަސް ނުވަތަ 90 ދުވަހުގެ ތެރޭގައި ޕާޓީގެ ހިސާބުތައް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މާލީ އޮޑިޓް ރިޕޯޓު ހުށަނާޅައިފިނަމަ އެ ސިޔާސީ ޕާޓީއެއް 20،000 ރުފިޔާއާއި ބައިލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވެއެވެ.

comment ކޮމެންޓް