ރާއްޖެއަށް ފައިދާހުރި އެއްބަސްވުމެއްނަމަ ސިއްރުކުރަންޖެހޭ ސަބަބެއް ނޯންނާނެ، ރަސްމާލެ އެއްބަސްވުން ހާމަކުރޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް: ރަސްމާލެ އެއްބަސްވުން ހާމަކުރަން ވަނީ ގޮވާލައްވާފައި --- ސަން ފޮޓޯ

ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ރާއްޖެއަށް ފައިދާހުރި ރަނގަޅު އެއްބަސްވުމެއްނަމަ އެ ސިއްރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި، އެ އެއްބަސްވުން ވީ އެންމެ އަވަހަކަށް ހާމަކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.

'މޯލްޑިވްސް އިންޑިޕެންޑެންޓް' ގައި އިއްޔެ ޝާއިއުކުރެއްވި އޮޕީނިއަން އާޓިކަލެއްގައި ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މާލެ ކައިރިން 500 ހެކްޓަރުގެ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް ދޫކުރާއިރު، އެއްބަސްވުމުގެ ވިޔަފާރީގެ އުސޫލުތަކާއި، ގާނޫނީ އޮނިގަނޑު އަދި އިންވެސްޓަރުގެ ޒިންމާތައް އާންމުންނަށް ސާފުވާން ނެތެވެ.

މީގެ އިތުރުން އެ ބިމުގެ މިނިވަން އިވެލުއޭޝަނެއް ހަދާފައި ނުވާ ކަމަށާއި، މި ބިޔަ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއްވެސް ބީލަމަކާ ނުލައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މިއީ އާންމު ފަތުރުވެރިކަމުގެ މަޝްރޫއެއް ކަމަށް ބުނަމުންދާއިރު، ބަންޑާރަނައިބު އާ ރިއަލް އެސްޓޭޓް ބިލެއްގެ ވާހަކަ ދައްކަވަނީ ކީއްވެގެންތޯ ވެސް ފައްޔާޒު ސުވާލު އުފެއްދެވިއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

މި މަޝްރޫއުގެ އަގަކީ 20 ބިލިއަން ޑޮލަރު ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދުދެއްވަމުން ފައްޔާޒު ވިދާޅުވީ، އެއީ ރާއްޖޭގެ ޖީޑީޕީގެ ތިންގުނަ އަދަދެއް ކަމަށާއި، އެއީ ހަގީގަތާ ހިލާފު އަދަދުތަކެއް ކަމަށެވެ. އަދި އީގަލް ހިލްސްއިން އަންދާޒާކުރާ ފަދައިން ހަމައެކަނި އެ މަޝްރޫއަށް އަހަރަކު އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ މާލީ މާހިރުން ގަބޫލުކުރާނެ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތަށް ލިބޭނެ ކަމަށް ބުނާ 10 ޕަސެންޓުގެ ހިއްސާއަކީ ސާފު ފައިދާއިން ނުވަތަ ޖުމްލަ އާމްދަނީން ލިބޭ މިންވަރެއްކަން ސާފުކޮށްދީފައި ނުވާކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.

ބިން ކުއްޔަށް ދިނުމުގެ މުއްދަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އީގަލް ހިލްސްގެ ފުރަތަމަ ބަޔާނުގައި ބިން ވިއްކާލުމުން ނުވަތަ ވާރުތަވުމުން އަލުން 99 އަހަރުގެ މުއްދަތެއް ފެށޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ފަހުން އެ އިބާރާތް، ބަދަލުކުރި ނަމަވެސް، އަސްލު އެއްބަސްވުމުގައި އޮތް ގޮތް ހާމަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ބިން ގަންނަ ބިދޭސީންނަށް ރެޒިޑެންސީ ދިނުމާއި، ޓެކްސްގެ ލުއިތަކާއި، މައްސަލަތައް ހައްލުކުރުމުގައި ބޭނުންކުރާނީ ރާއްޖޭގެ ކޯޓުތައްތޯ ނުވަތަ ބައިނަލްއަގުވާމީ އާބިޓްރޭޝަންތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: --- ފޮޓޯ; އެމްއޭސީއެލް

އީގަލް ހިލްސްއިން އަލްބޭނިއާ، ޖޯޖިއާ އަދި ސާބިއާގައި ހިންގާ މަޝްރޫއުތަކުގައި އެ ގައުމުތަކުގެ ސަރުކާރުތަކަށް 33 ޕަސެންޓުގެ ހިއްސާ ލިބިފައިވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ރާއްޖެއަށް ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެފަދަ ހިއްސާއެއް ނުވަތަ ބިމުގެ އެޑްވާންސް ފައިސާއެއް މި އެއްބަސްވުމުގައި ނެތް ކަމަށެވެ.

މީގެއިތުރުން ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ސަރުކާރުން ވައުދުވެފައިވާއިރު، 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނުމަށްފަހު ބާކީ އޮންނަ 600 ހެކްޓަރުން ގޯއްޗާއި އާންމު ހިދުމަތްތަކަށް ބޭނުންވާ ޖާގަ ހަމަޖައްސާނެ ގޮތުގެ ޕްލޭނެއް އާންމުކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒުގެ އާޓިކަލް ނިންމަވާލައްވަމުން ވަނީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ފަސް ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އޭގެ ތެރޭގައި އެއްބަސްވުމާއި ބިމުގެ މިނިވަން އިވެލުއޭޝަން އާންމުކުރުމާއި، ދައުލަތަށް ލިބޭ 10 ޕަސެންޓުގެ އާމްދަނީގެ ތަފްސީލު ހާމަކުރުމާއި، 99 އަހަރުގެ ކުއްޔާ ގުޅޭ މާއްދާ ސާފުކޮށްދިނުމުގެ އިތުރުން، އެއްބަސްވުމުގެ ތަފްސީލުތައް އެނގުމެއް ނެތި މިކަމާ ގުޅޭގޮތުން ގާނޫނުތަކަށް ބަދަލު ނުގެނައުން ހިމެނެއެވެ.

comment ކޮމެންޓް