ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެމްޑީޕީއާ ޚިޔާލު ތަފާތު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު މަޝްވަރާކުރައްވަން އެއް މޭޒަކަށް މިރޭ ވަޑައިގެންފިއެވެ.
މިއީ ކުރިން ވެދާނެ ކަމަށް ގިނަ ބަޔަކު ހީކުރި ކަމެއް ނޫނެވެ. އެއީ، މި ފަހުން ވެސް ޔާމީން ތަކުރާރުކޮށް އެމްޑީޕީއަށް ބަހުގެ ހަމަލާތަކާއި ތުހުމަތުތައް އަމާޒުކުރައްވާތީއެވެ. އަދި، ވަރަށް ބޮޑަށް އެ ބޭފުޅުންގެ ޚިޔާލު ތަފާތުވުމުންނެވެ.
އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިޙާ އެކު މަޝްވަރާކުރައްވަން ތިން ބޭފުޅުން މިރޭ ވަނީ އެއް މޭޒެއްގެ ދޮށަށް ވަޑައިގެންފައެވެ. ތިން ބޭފުޅުން ވެސް މާފަންނު ލާލްޕޫލްގެއާގޭގައި ހުންނަ ފަންކްޝަން ފައިވްއަށް ވަނީ ވަޑައިގެންފައެވެ. ތިން ރައީސުންގެ މަޝްވަރާތައް ކުރިއަށްދާނީ މީޑިއާގެ ކުރިމަތީގައެވެ. އެއަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ވެސް ޖަވާބުދެއްވާނެއެވެ.
ތިން ރައީސުން އެކުގައި މަސައްކަތްކުރައްވާނެކަން ޔާމީން އިއުލާނުކުރެއްވީ އަންގާރަ ދުވަހެވެ.
އެ ދުވަހު 'ސަން'އާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ނޫސްވެރިންގެ ހައްގުގައި ކުރީގެ ރައީސް ޞާލިޙާއި ނަޝީދާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް މި ސަރުކާރުން ދިން ހަމަލާގެ ސަބަބުން، ނޫސްވެރިކަމުގެ ހިމާޔަތުގައި ކުރައްވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ ފަހުން ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާއެއްގައި ޔާމީން ވަނީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ތިން ރައީސުން އެކުގައި މަސައްކަތްކުރައްވަނީ ގައުމުގެ ހައްގުގައި ކަމަށް ވިދާޅުވެފައެވެ.
"ހައްޔަރުކުރި ނަމަވެސް އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުންތައް އެއް ފަރާތަށް މި ޖައްސަނީ މުޅި ގައުމުގެ ހައްގުގައި. އެ ތިން ރައީސުންގެ ތެރޭގައި އުފެދިގެން މި އުޅުނު މަސްލަހަތަށް ވުރެ، ރައްޔިތުންނަށް މިހާރު ވެރިކަމުގައި މި ހުރި މީހާ ހުރެގެން ކުރާ އުނދަގޫ މާ ބޮޑު،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދިމާވެފައި އޮތް ދަތި ހާލަތު ބައްލަވާ،"
ތިން ރައީސުންނަކީ އެކަކު އަނެކަކު ހައްޔަރުކުރައްވާފައި ތިއްބެވި ތިން ބޭފުޅުން ކަމަށް އިއްޔެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވިއެވެ. އަދި، ރޭ ރައީސް މުއިއްޒު ވެސް ވަނީ ކުރީގެ ތިން ރައީސުންނަކީ ފޭލިޔަރުން ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަދައްކާއިރު، ހުސް ފެއިލިޔަރުން މި ތިބީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ތިން ރައީސުން އެކުގައި ތިއްބެވިއިރު، އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށްލާފައެވެ. ކޯޓު އަމުރަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް އަދި މުހައްމަދު ޝަހްޒާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު ޔާމީން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރެވެ. އެއީ، މި ވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ތިން ރައީސުން ކަމަށްވުމުން މިއީ ތާރީޚީ ކަމެކެވެ.
އެކަމަކު، މީގެ ކުރިން ވެސް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން އެކިއެކި ސަރުކާރުތަކާ ދެކޮޅަށް އެއްގަލަކަށް އަރާފައިވެއެވެ. އެ ގޮތުން، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ. އަދި، ޔާމީންގެ ވެރިކަމާ ދެކޮޅަށް ވެސް އެ މަނިކުފާނުގެ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭހެން އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ.