ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިން މާލޭން ހުސްވިކަމުގެ ކަންބޮޑުވުން، ހެލްތު މިނިސްޓްރީގެ ބަހެއް ނެތް

ފާމަސީއެއް --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖޭގައި ހަކުރުބައްޔަށް ބޭނުންކުރާ އިންސިއުލިންގެ ބާވަތެއް ކަމަށްވާ ނޯވޯފައިން އިންސިއުލިން ޕެން މާލޭގެ ގިނަ ބޭސްފިހާރަތަކުން ހުސްވުމާ ގުޅިގެން އާންމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން އަދި ވަކި ޖަވާބެއް ދީފައިނުވާއިރު، އާސަންދަ ކުންފުނިންނާއި ސިއްހީ ވުޒާރާއިން ވަނީ ބޭސް ލިބުމުގައި ހުރި ގޮންޖެހުންތައް ގަބޫލުކޮށް، އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ.

  • މާލޭގެ ގިނަ ބޭސްފިހާރަތަކުން ނޯވޯފައިން އިންސިއުލިން ޕެން ހުސްވެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.
  • މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބެއް ދޭނެކަމަށް ވަނީ ބުނެފައެވެ.
  • ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލި ތަހައްމަލުކުރާ މީހެކެވެ.
  • ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ދޫކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ޑައިބެޓީސް، ނުވަތަ ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިންގެ ވައްތަރެއް ނުލިބި، ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކޮށްފިއެވެ.

އާންމުންގެ ކަންބޮޑުވުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭން އާންމު ބައެއް ބަލިތަކަށް ބޭސް ނުލިބޭ މައްސަލައެވެ. އެގޮތުން، ދޭތެރެއަކުން ބޭސް ހުސްވެ، ނުލިބޭ ކަމުގެ ޝަކުވާ ފެންމަތިވެއެވެ.

މޯލްޑިވިއަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ 'އެކްސް'ގައި ރޭ ކުރެއްވި ޕޯސްޓެއްގައިވަނީ، މާލޭގެ ބޭސްފިހާރަތަކުން އިންސިއުލިން ޕެން ހުސްވެ، މުޅި މާލޭގައި "ދުއްވަން ޖެހިއްޖެ" ކަމަށެވެ. ޖެނިފާގެ ޕޯސްޓުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ލިޔުއްވިގޮތުގައި، ހުސްވެފައިވަނީ "ނޯވޯފައިން" ނަމަކަށް ކިޔާ ބްރޭންޑުގެ އިންސިއުލިންއެވެ.

ފިރާޝްގެ ނަމުގައި ޖެނިފާގެ ޕޯސްޓަށް ރިޕްލައިކުރި މީހަކު ޖަހައިފައިވަނީ، މާލޭގެ ގާތްގަނޑަކަށް ހުރިހާ ފާމަސީއަކަށް އޭނާ ރޭ ދިޔަ ކަމަށާއި، އިންސިއުލިން ޕެން އެ ތަންތަނުން ހުސްވެފައިވާ ކަމަށެވެ.

އެހެންވެ، މާލޭން އިންސިއުލިން ހުސްވެފައިތޯ ނުވަތަ ނޫންތޯ ސުވާލުކުރުމުން، ހެލްތު މިނިސްޓްރީން ބުނީ، ކަން ހިނގިގޮތް ސާފުކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށެވެ. ނަމަވެސް މި ޚަބަރު ޝާއިއުކުރުމާ ހަމައަށް އެ މިނިސްޓްރީން އަދި ޖަވާބެއް ނުދެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮންމެ ދިހަ މީހަކުން އެކަކަކީ ހަކުރުބަލި ތަހައްމަލުކުރަމުންދާ މީހުންނެވެ.

ހަކުރުބައްޔަށް ބޭނުންވާ ބޭހުގެ އިތުރުން، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަން ގަބޫލުކުރައްވާ ކަމަށާއި އެފަދަ ޝަކުވާތައް ލިބެމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒީނިޔާ ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށްވީ ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޭސް ލިބުމުގައި އަދި ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ބޭހެއްގެ، އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަން ވެސް ޒީނިޔާ ފާހަގަކުރެއްވިއެވެ.

ސިއްޚީ ޚިދުމަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާ އެއް ދާއިރާއަކީ ރައްޔިތުން ތަހައްމަލްކުރަމުންދާ ބަލިތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން ކަމަށާއި، އުއްމީދަކީ ބޭސް ކުންފުނީގެ އެހީގައި މައްސަލަ ހައްލުކުރުން ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ބޭސް ނުލިބުމުގެ އިތުރުން، ރާއްޖޭން ނުލިބޭ ބޭސް، ރާއްޖޭން ބޭރުން ގެންނަން ގިނަ ދުވަސްވާތީ އެ ކަންބޮޑުވުން ވެސް އެބައޮތެވެ.

comment ކޮމެންޓް