ޖަލަށް 17 ފޯނު ވައްދަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖަލަށް މަނާ އެއްޗެހި ވައްދަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ: އެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި -- ފޮޓޯ/ ޕޮލިސް

މާފުށީ ޖަލަށް 17 ފޯނު ހިމެނޭހެން ގިނަ އަދަދެއްގެ މަނާ ތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ އިއްޔެ ކ. މާފުށީ ޖަލުގެ ގޭޓު ކައިރިން ކަމަށެވެ. ހައްޔަރުކުރީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ. އޭނާއަށް ކުރަނީ ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ.

ފުލުހުން ބުނީ، އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހިއްސާނުކުރި ނަމަވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޖަލަށް މަނާ ތަކެތި ވެއްދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް ފޯނު ފަދަ ތަކެތި ވައްދާ މައްސަލަ ބޮޑެވެ. އެ ފަދައިން ޖަލުތަކުގައި ތިބޭ މީހުން ވަގަށް އެތެރެކުރާ ފޯނުތައް ބޭނުންކޮށްގެން ހިންގާ ސްކޭމްތައް ވެސް ވަރަށް ގިނައެވެ.

https://sun.mv/218487

އެ މައްސަލައަށް ހައްލެއް ހޯދަން ފެބްރުއަރީ 28 ގައި ވަނީ އެ ޖަލުގައި ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ވެސް ބަހައްޓާފައެވެ.

މިދިޔަ އަހަރު ކަރެކްޝަނުން ވަނީ ޖަލުން ކުރާ ކޯލްތައް ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރުމަށް އެދިފައެވެ.

ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް، މިދިޔަ އަހަރު ހޯމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ވިސްނުމަކީ، ޖޭމަރު ހަރުކުރުމުގެ ބަދަލުގައި ޖަލަށްދާ މީހުން ސްކޭންކުރަން މެޝިނެއް ހަރުކުރުން ކަމަށް ބުނެފައެވެ.

މަނާ ތަކެތި ޖަލަށް ވައްދާ މައްސަލައިގައި މީގެ ކުރިން ގިނަ އަދަދެއްގެ ކަރެކްޝަންސް އޮފިސަރުން ވެސް ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް