ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައިގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާން (ޑެތު)އަށް ޓެރަރިޒަމްގެ ތުހުމަތުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ، ޖުމާން ހައްޔަރުކުރީ، ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް އޭނާ ވަނީ މިއަދު ހާޒިރުކޮށްފައެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެކްސްގައި އޭނާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ކަމަށް ފާހަގަކޮށް، އެ ޕޯސްޓާ ގުޅޭ ރިޕޯޓެއް ވެސް ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.
އެ މައްސަލައިގައި ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް ވެދާނެ ކަމަށެވެ. އެހެންވެ އޭނާގެ ބަންދަށް 12 ދުވަސް ޖަހައިފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއިން ވެސް ޖުމާން ހައްޔަރުކޮށްފައިވެއެވެ.
ޖުމާން އިއްޔެ ހައްޔަރުކުރިއިރު، މީގެ ދުވަސްކޮޅެއް ކުރިން 'އެކްސް' އެކައުންޓުގައި ކޮށްފައިވާ ޕޯސްޓު ވަނީ ޑިލީޓުކޮށްލައިފައެވެ.
އޭނާ ހައްޔަރުކުރުމުގެ ކުރިން މިފަދަ އިތުރު މައްސަލައެއްގައި ވެސް މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލުމުގެ ތުހުމަތުގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ހައްޔަރުކޮށް އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ރާއްޖޭގެ ޓެރަރިޒަމް ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ އާންމު ޚިދުމަތްތައް މެދުކަނޑުވާލުން ހިމަނައިފައިވެއެވެ.
އެ ގާނޫނުގައި ފާހަގަކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ކުރަން އުޅުމުގެ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމުގެ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނުގައިވެއެވެ.