ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނީ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ނުވަ ދިވެހީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިދިޔަ ބުދަ ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ، ތުހުމަތު ކުރެވޭ ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ފޮނުވައި، އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ މުއައްސަސާއިން ހާމަކުރިއެވެ،
ފުލުހުން ބުނީ އެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 221 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.