ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި، މީހެއްގެ ހާލު ދެރަވި ހާދިސާއެއް

ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ހިނގި ހާދިސާގެ ތެރެއިން --- ފޮޓޯ: ފުލުހުން

ރ. ދުވާފަރުން އެ އަތޮޅު ކަނދޮޅުދުއަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި، އެ ލޯންޗުން ދަތުރުކުރި މީހެއްގެ ހާލު ދެރަވެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ދުވާފަރުން ކަނދޮޅުދުއަށް ދަތުރުކުރި "ޔާލު ސްޕީޑް" ލޯންޗުގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމާ ގުޅިގެން، ދުވާފަރު ޕޮލިސް ސްޓޭޝަނުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަދުގެ ހަވީރު 16:56 ހާއިރު އެ ހާދިސާ ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން ޑިންގީއެއްގައި ގޮސް ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ލޯންޗުގެ އިންޖީނު މަރާމާތުކުރުމުގައި އެހީތެރިވެދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ބަންގްލަދޭޝް މީހެއްގެ ހާލު ދެރަވި ކަމަށާއި އޭނާ ދުވާފަރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން ހާމަކޮށްފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މީހާގެ ހާލު ދެރަވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވެއެވެ.

ކަނޑުމަތީގެ މިފަދަ ހާދިސާތައް ދޭތެރެއަކުން ފެންމަތިވަމުން އަންނައިރު، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރުތައް ކުރުމުގައި މޫސުމަށް ސަމާލުވެ، ސަލާމަތީ ވަސީލަތްތައް ބޭނުންކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

މެޓް އޮފީހުން މިހާރު ވެސް ވަނީ ހއ. އަތޮޅުން ފެށީގެން ވ. އަތޮޅަށް، މިރޭގެ 01:00 އަށް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް