ސަރުކާރުން ދޭން ޖެހޭ ފައިސާ އަދި ލިބިފައި ނެތުން ފަދަ ސަބަބުތަކާ ހެދި، އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމުން، އެ ޕާޓީއަށް ފައިސާ ހޯދައިދޭން ބައެއް މެންބަރުން މަސައްކަތްތައް ފަށައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށްވާ ވާދަކުރައްވަން މިހާތަނަށް އިއުލާންކުރައްވައިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ މަގާމަށް ވާދަކުރައްވާނެކަން މީގެ ކުރިން ހާމަކުރެއްވި އަލްހާން ފަހުމީ އިއްޔެ ވަނީ، އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމަށް ނުފެންނާތީ ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް ރޭ ޣަފޫރު، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ، މިވަގުތު ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ޕާޓީ ހިންގުމަށާއި އިންތިޚާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީއަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޣަފޫރު ހުށަހެޅުއްވީ ފުރަތަމަ ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރިޔާސީ ޕްރައިމަރީއަށް ވެސް ޕާޓީގެ އިސް މެންބަރުން ގެންދަވަނީ ތައްޔާރުވަމުންނެވެ. އެގޮތުން ނަޝީދުގެ ތާއިދާއެކު ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލީޙް ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފައިވެއެވެ.
އެމްޑީޕީގައި އިންތިޚާބު ބާއްވަން ފައިސާ ނެތް ކަމަށް ވިދާޅުވުމުން، އެ ޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިހާރު އެމްޑީޕީގެ މެންބަރަކަށް ނުވި ނަމަވެސް ޕާޓީއަށް އަބަދުވެސް ހެޔޮއެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ އުފެއްދީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށްފަހުކަން ފާހަގަކުރައްވައި އިބުރާ ވިދާޅުވީ އެ ކަންތައްތައް ކުރީ ސަރުކާރުގެ ފައިސާގެ އެހީގައި ނޫން ކަމަށެވެ.
"ޕާޓީގައި މިއަދު އިންތިޚާބެއް ބާއްވާނެ ފައިސާ ނެތިގެން، ނުވަތަ ސަރުކާރުން ފައިސާ ނުދީގެން ޕާޓީ ހިންގުމުގެ އިސްމަޤާމަށް މީހަކު އިންތިޚާބު ނުކުރެވޭ ކަމަށްވަންޏާ އެމްޑީޕީ މިއަދު ވަޅުލެވިއްޖެއެވެ." އިބުރާ ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ގޮފިތަކާ ޙަވާލުކުރުމުން ވެސް ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޣަފޫރު ދެއްކެވި ވާހަކައިން އެންމެ ހައިރާންވާ ކަމަކީ، ޗެއާޕާސަން އިންތިޚާބު ކުރެވެން ނެތީސް، ރިޔާސީ ޕްރައިމަރީއެއް ބޭއްވޭނެ ކަމަށް ވިދާޅުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.
"ޕާޓީ ހިންގުން މަނާކޮށްފައި އޮތްއިރު، އިންޓަނެޓުން، އީމެއިލުން ވޯޓުލައިގެން ވަލީ ކޮމިޓީއެއް ވެސް އަހަރެމެން އިންތިޚާބުކޮށް، އެ ކޮމިޓީގެ ބައްދަލުވުންތައް ސިއްރިއްޔާތުގައި ބާއްވައިގެންވެސް ޕާޓީ ހިންގީމެވެ." އިބުރާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ޣަފޫރުގެ މެސެޖާ ގުޅުވައި، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ޕާޓީގެ އެކައުންޓް ނަންބަރާއެކު، ޑިމޮކްރަސީއަށް ކުރާ ޚަރަދެއްގެ ގޮތުގައި ފައިސާ ޖަމާކުރުމަށް އެދި ޕޯސްޓްތަކެއް ހިއްސާކުރަން ފަށައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފަސްކުރުމާ ދެކޮޅު ކަމަށް މީކާއީލް ވިދާޅުވެފައިވާއިރު، ނަޝީދު ވަނީ ގައުމީ މަޖިލިސް ގަބޫލުނަމަ، ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ އާމްދަނީގެ ތަފާސްހިސާބަށް ބަލާއިރު، އެ ޕާޓީން އެންމެ ފަހުން އާންމުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮޑިޓެވެ. އެގޮތުން އެ އަހަރު އެ ޕާޓީއަށް 17.7 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އޭގެ ތެރޭގައި އާންމުން ދިން 2.27 މިލިއަން ހިމެނޭ ކަމަށް ދައްކައެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ން 15.1 މިލިއަން ރުފިޔާ ދެއްކި ކަމަށް އޮޑިޓުގައިވެއެވެ.
މިދިޔަ އަހަރު އީސީން ޕާޓީތަކަށް ދޫކުރި ފައިސާގެ ތެރޭގައި އެމްޑީޕީއަށް ދޫކުރި 8.45 މިލިއަން ރުފިޔާ ހިމެނުނެވެ.
އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ދައްކާ ގޮތުގައި މި އަހަރު ފެށުނުއިރު އެމްޑީޕީގައި ތިބީ 43،784 މެންބަރުންނެވެ. ނަމަވެސް، ޗެއާޕާސަން އިންތިޚާބާ ދިމާކޮށް، ގިނަ އަދަދެއްގެ މީހުން އަލުން ޕާޓީއަށް ވަދެފައިވާ ކަމަށް ނަޝީދާއި ފައްޔާޒު ވިދާޅުވެފައިވެއެވެ.