މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވާ ކަމަށް ސަރުކާރުން ނިންމި ގޮތާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ދެ ބޯޓެއް އޮޔާ ދިޔައީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.
މި ހާދިސާގައި ހިމެނެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅެނިކޮށް ހިފަހައްޓާފައިވާ ދެ ޓޭންކަރެއް ކަމަށް ޝިޕިން ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.
އެ ދެ ބޯޓު ފަހުން ބުރިޖުގެ ދަށުން އޮޔާ ގޮސް، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައި ކަމަށް ރޭ އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
އެ ކަމާ ގުޅިގެން އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ރެއާއި މިއަދު ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ އިންސްޕެކްޝަންތަކުން އެނގުނު ގޮތުގައި، ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ލިޔުއްވާފައިވެއެވެ. އެ ކޫރުތައް ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް، ހައިޓީގައި ރެޖިސްޓްރީކޮށްފައިވާ، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުވާ ދެ ބޯޓު ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއަކީ އެ ޕާޓީއިން ނިހާޔަތަށް ކަނބޮޑުވާކަމެއް ކަމަށެވެ.
އުރުނު ދެ ބޯޓަކީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި ރާއްޖެ ސަރަހައްދަށް ވަދެ މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮއްވާ ފެނުނު ދެ ބޯޓު ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ.
"ދެ ބޯޓުގެ ހާލަތާއި އެ ދެ ބޯޓު މާލެ ކައިރީގައި އަޅާފައި އޮތުމުގެ ނުރައްކާ ބޮޑުކަމުން، ރައްކާތެރި ތަނަކަށް ގެންގޮސް އެ ބޯޓުތައް އަޅަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވީ ނަމަވެސް، އަދި، އެ ދެ ބޯޓުގައި ސަލާމަތީ އެއްވެސް ކަމެއް ރަނގަޅަ ނެތްކަން އެނގިތިބެ، ދޮޅުމަސް ދުވަސްވަންދެން އެ މަސައްކަތްނުކޮށް ދޫކޮށްލުމުން، ނުރައްކާތެރި ހާދިސާއެއް މިވަނީ ހިނގާފައެވެ." ބަޔާނުގައިވެއެވެ.

އުރުނު ބޯޓެއް: ބުރިޖަށް އެއްވެސް ގެއްލުމެއްނުވާކަން ކަނޑައެޅި ގޮތާމެދު ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނި ---
އެމްޑީޕީން ބުނީ ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް، މިފަދަ ހާދިސާއަކުން ބޮޑެތި ގެއްލުންތަކެއްވުން އެއީ ދުރުކަމެއްނޫން ކަމަށެވެ. އަދި، މި ސަރުކާރުން އެހާ އަވަހަށް މުޅި ސިނަމާލެ ބުރިޖު ބަލައި އެ ތަނަށް އެއްވެސް ގެއްލުމެއްނުވާކަން ކަނޑައެޅި ގޮތާމެދު އެ ޕާޓީން ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ.
އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން މި ސަރުކާރުން ވަނީ ނުކުޅެދި، އިހުމާލުވެފައެވެ.
އެ ޕާޓީން ބުނި ގޮތުގައި ދޮޅުމަސް ދުވަހު އެފަދަ ބޭރުގެ ދެ ބޯޓު މާލެ ކައިރީގައި އެއް ނަގިލިން ބަނދަރުކޮށްފައި އޮއްވައި ނަގިލި ކަހާލުމަކީ އާދަޔާ ޚިލާފުކަމެއް ނޫނެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެ ދެ ބޯޓު އޮވެ އެފަދަ ހާދިސާއެއް ހިނގުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި ކަންކަން އިސްލާޙުނުކޮށްފިނަމަ، މާދަމާ މިފަދަ އުޅަނދެއް މާލޭގެ ތޮށިގަނޑަށް ނުވަތަ އެހެން އުޅަނދަކަށް އުރުމަކީ ދުރުކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ފާހަގަކުރި ގޮތުގައި، ކަމާބެހޭ މުއައްސަސާތަކަށް ނޭނގި އެއްވެސް ހުއްދައެއް ނެތް އުޅަނދުތަކެއް މާލެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ގާއުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެކެވެ. އަދި، އެއީ ކަމާގުޅޭ އެންމެހާ މުއައްސަސާތަކާއި އެ ތަންތަނުގެ ވެރިން ޒިންމާދާރުކުރުވާ ޖަވާބުދާރީކުރަންޖެހޭ ކަމެއް ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.
"ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ރާއްޖޭގެ ސަރަހައްދުގެ ބޮޑު ބަޔަކީ ކަނޑުކަމުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކަނޑުމަތީގެ ސަލާމަތަށް ވަމުންދާ އިހުމާލު ކުށްވެރިކޮށް، ބޭރުގެ މިދަފަ އުޅަނދުތަކާމެދު ޢަމަލުކުރާނެ އުސޫލެއް ހަދާ، އެއާއި އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީން ބުނެފައިވެއެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނޭނގި އެ ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދުވަސްތަކެއް ވެފައިވުމާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތްވައި އެ ބޯޓުތައް އޮޔާ ދިޔުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.