އަޅުގަނޑަކީ ވަކި މީހެއްގެ މީހެއް ނޫން، މަސައްކަތްކުރަނީ އެމްޑީޕީ ވެރިކަމަށް ގެންނަން: މީކާއީލް

މީކާއީލް، ކެމްޕެއިން ހަރަކާތުގައި: ވިދާޅުވީ އޭނާއަކީ ވަކި މީހެއްގެ މީހެއް ނޫން ކަމަށް -- ފޮޓޯ/ އެކްސް، މައިމޫން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ވަކި މީހަކު ވެރިކަމަށް ގެނައުމުގެ ބަދަލުގައި މުޅި ޕާޓީއަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ. މީކާއީލްގެ އަމާޒަކީ ޕާޓީގެ އެންމެހައި މެންބަރުން އެކަތިގަނޑަކަށް ހަދައި، އެންމެންގެ މަސްލަހަތު އިސްކޮށްގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީއަށް ކާމިޔާބު ހޯދައިދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ ކުރިމަގަށްޓަކައި ވަކި އަތަކަށް ނުޖެހޭ ލީޑަޝިޕެއް އޮތުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި އޭނާ ވިދާޅުވިއެވެ.

  • އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި.
  • މީކާއީލްގެ އަމާޒަކީ ވަކި މީހެއްގެ ބަދަލުގައި މުޅި ޕާޓީއަށް ކާމިޔާބު ހޯދައިދިނުން.
  • މި މަގާމަށް މީކާއީލްގެ އިތުރުން މުޙައްމަދު ނަޝީދު އަދި އަލްހާން ފަހުމީ ޝައުގުވެރިކަން ފާޅުކުރައްވާފައިވޭ.
  • މީކާއީލް ގަބޫލުކުރައްވާ ގޮތުގައި ޕާޓީއަށް ކާމިޔާބު ލިބޭނީ ވަކި އަތަކަށް ނުޖެހޭ ލީޑަޝިޕެއް އޮވެގެން.

އަމާޒަކީ ވަކި މީހަކު ވެރިކަމަށް ގެނައުމުގެ ބަދަލުގައި، މުޅި އެމްޑީޕީއަށް ހެޔޮ ގޮތް ހޯދައިދީ، ޕާޓީ ވެރިކަމަށް ގެންނަން ކަމަށް އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލުމާއެކު މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދަނީ ނަޝީދާއި މީކާއީލާ ދެބޭފުޅުންގެ މެދުގައެވެ. ދެބޭފުޅުން ވެސް ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާއިރު، ނަޝީދު އެކަން އިއުލާނުކުރައްވައި، އެމަނިކުފާނު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެންޑޯސްކުރައްވައިފައެވެ.

https://sun.mv/220834

އެކަމަށް ރައްދު ދެއްވައި، 'އިތުބާރު ސައްލާ' ގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަނީ ވަކި މީހަކު އެމްޑީޕީގެ ވެރިކަމަށް ގެންނާކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރައްވަނީ އެމްޑީޕީ ވެރިކަމަށް ގެންނާން ކަމަށް މީކާއީލް ވިދާޅުވިއެވެ.

އަޅުގަނޑު މި މަސައްކަތްކުރަނީ ވަކި މީހަކު އެމްޑީޕީގެ ވެރިކަމަށް ގެންނާކަށް ނޫން. އެމްޑީޕީގެ ލީޑަޝިޕަށް ވެސް ގެންނާކަށް ނޫން. އަދި ދައުލަތުގެ ވެރިކަމަށް ވެސް ގެންނާކަށް ނޫން. އަޅުގަނޑު މި މަސައްކަތްކުރަނީ އެމްޑީޕީ ވެރިކަމަށް ގެންނަން! އެމްޑީޕީއަށް ހެޔޮ ގޮތް ހޯދައިދޭން. އެމްޑީޕީއަކީ 50،000 މެންބަރުން. އެއީ އެންމެ މީހެއް ނޫން،

މީކާއީލް ވަނީ ޕާޓީއަށް މީހުން ވެއްދުމަށް އިތުރު ފުރުސަތު ނުލިބޭ ކަމަށް ބުނެ ނަޝީދުގެ ކެމްޕެއިން ޓީމުން ދައްކާ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ. އެގޮތުން އޭނާއަށް ތާއީދުކުރާ މީހުން ވެސް ޕާޓީއަށް ވަންނަން ބޭނުންވާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އިންތިޚާބެއް އިއުލާނުކުރާއިރު ކަނޑައެޅިފައި އޮންނަ އުސޫލުތަކާއި ތާރީޚުތަކާ އެއްގޮތަށް އަމަލުކުރުމަކީ އޭނާ ގަބޫލުކުރައްވާ ހަމަ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކެންޑިޑޭޓުންގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ އާންމު މެންބަރުންގެ ގާތަށް ގޮސް، ޕާޓީގެ ކަންކަން ރަނގަޅު ކުރުމަށާއި، ހިންގުން ހަރުދަނާ ކުރުމަށް މެންބަރުން ބޭނުންވަނީ ކޮން ކަމެއްތޯ އޮޅުންފިލުވުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

https://sun.mv/220931

މީކާއީލް ވިދާޅުވި ގޮތުގައި އޭނާ ޗެއާޕާސަންގެ މަގާމަށް ކަމުދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ސަޕޯޓަރުން ވެސް ދަނީ ބުނަމުންނެވެ. އޭގެ މައިގަނޑު ސަބަަބަކީ އޭނާ ވަކި އަތަކަށް ނުޖެހި ހުރުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ 2028ގެ އަމާޒަކީ އެމްޑީޕީއަށް ކާމިޔާބުވުން ކަމަށްވާއިރު، އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް އެއްބައިވަންތަ ލީޑަޝިޕެއް އޮންނަން ޖެހޭ ކަމަށެވެ.

އެއީ އެއްކަލަ ބަޔާސްޑް މީހަކު ޕްރައިމަރީއެއް އިންތިޒާމްކުރުމަށް، ނޫނީ ރިޔާސީ ރޭހުގެ އެއްވެސް ކަމަކާ އުޅެން ރައްޔިތުންގެ ޕާސެޕްޝަންވެސް އެއާމެދު ތަފާތުވާނެ. އެހެންވީމަ ވަކި ކޮޅެއް ނުނަގާ ވަކި މީހެއްގެ ފަހަތުގައި ނެތް މީހެއް ހުރުން ވަރަށް މުހިންމު މިކަމުގައި،

މީކާއީލް ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް މީކާއީލް ނުކުމެވަޑައިގެން ހުންނެވީ މުޅި ޕާޓީ އެކަތިގަނޑަކަށް ހަދައި، އެންމެންގެ މަސްލަހަތު އިސްކޮށްގެން ޕާޓީއަށް ކާމިޔާބު ހޯދައިދިނުމުގެ ސާފު އަމާޒުގައި ކަމަށެވެ.

comment ކޮމެންޓް