ފަތުރުވެރިކަމުގެ އާމްދަނީ 30 އިންސައްތަ ދަށްވިއިރު، ޚަރަދާއި އިސްރާފު ކުޑައެއް ނުވޭ: ނަޝީދު

ނަޝީދާއި ރައީސް މުއިއްޒު: ޚަރަދާއި އިސްރާފު ކުޑަނުވާ ކަމަށް ނަޝީދު ތުހުމަތުކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީ 30 އިންސައްތަ ދަށްވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ޚަރަދުތަކާއި އިސްރާފު ކުޑަނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން، އިންޑިއާއިން ދިވެހިރާއްޖޭގެ ދަރަނި އަދާކުރުން ލަސްކޮށްދީ، އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން ނަޝީދު ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވައި ތައުރީފުކުރައްވާފައެވެ. އަދި ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވާލުމަށާއި، ދަރަނީގެ ކަންކަމުގައި އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

  • ފަތުރުވެރިކަމުގެ އާމްދަނީ 30 އިންސައްތަ ދަށްވެފައިވާކަން ނަޝީދު ފާހަގަކުރެއްވުން.
  • ސަރުކާރުގެ ޚަރަދުތަކާއި އިސްރާފުތައް ކުޑަނުވާތީ ކަންބޮޑުވުން ފާޅުކުރެއްވުން.
  • އިންޑިއާއިން ދަރަނި ދެއްކުން ލަސްކޮށްދިނުމުން ނަޝީދު އެ ގައުމަށް ތައުރީފުކުރެއްވުން.
  • ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޕްލޭނެއް ބޭނުންވާކަމަށް ވިދާޅުވުން.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ 30 އިންސައްތަ ދަށްވެފައިވާ ކަމަށާއި އެކަމަކު ސަރުކާރުގެ އިސްރާފާއި ޚަރަދުތައް ކުޑަނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުން އިއްޔެ ވަނީ އިންޑިއާއިން އޮކްޓޫބަރު 2024 ގައި ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. އެ ދަރަނި އަދާކުރީ ދެ ފަހަރަށް ދަރަނި ދައްކަންޖެހޭ މުއްދަތު ލަސްކުރުމަށް ފަހު، އިއްޔެއެވެ. އެއަށް ފަހު، އިންޑިއާއިން ވަނީ އޮކްޓޫބަރު މަހު ސޮއިކުރި 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު) ބޭނުންކުރުމުގެ ފުރުސަތު ދީފައެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޫކުރި ދަރަންޏެކެވެ.

އެ ކަމަށް އިޝާރާތްކުރައްވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށް، އެ ގައުމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ގައުމުތަކުން ދަރަނި ރޯލްއޯވާ ކުރާ އުސޫލަކީ މިއީ ކަމަށެވެ.

އެކަމަކު، ސަރުކާރުން ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ޕްލޭނެއް ގެންގުޅެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ އާމްދަނީ ވަނީ 30 އިންސައްތަ ދަށްވެފައި. އެކަމަކު، ސަރުކާރު ޚަރަދު ހުރީ މަތިކޮށް، އިސްރާފުކޮށް،" އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އަބަދު ވެސް ދަރަނީގެ ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވާ ނަޝީދު މީގެ ކުރިން ވަނީ ދަރަނީގެ ކަންކަމުގައި އިދިކޮޅާ އެކު މަޝްވަރާކުރަން ވެސް ގޮވާލައްވާފައެވެ. އަދި، ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން އެ މަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

https://sun.mv/221026

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން އަންނަނީ ގަވާއިދުން ވަގުތުގައި ދަރަނިތައް އަދާކުރަމުންނެވެ. އެ ގޮތުން، މީގެ ކުރިން މި މަހު އަދާކުރި 500 މިލިއަން ޑޮލަރުގެ ދަރަންޏާ އެކު ޖުމުލަ 900 މިލިއަން ޑޮލަރަށްވުރެ ގިނަ ދަރަނި ވަނީ އަނބުރާ ދައްކާފައެވެ.

ނަމަވެސް، ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން އަދިވެސް ވަރަށް ބޮޑެވެ. ބޭރުގެ މާލީ އިދާރާތަކުންނާއި އިގުތިސާދީ ބޭފުޅުން ވެސް އަންނަނީ ސަރުކާރުގެ ޚަރަދާއި އިސްރާފު ކުޑަކުރަން ގޮވާލަމުންނެވެ. އެކަމަކު، އެކަށިގެންވާ މިންވަރަކަށް ޚަރަދު ކުޑަނުކުރެވޭ ކަމުގެ ކަންބޮޑުވުން ބޮޑެވެ.

comment ކޮމެންޓް