ނަޝީދުގެ ދައުވަތު ރައީސް ގަބޫލުފުޅެއް ނުކުރެއްވި: "އެއީ މެންޑޭޓުން ބޭރު ކަމެއް"

އިންތިޚާބީ ރައީސްގެ ގޮތުގައި، ރައީސް މުއިއްޒު މީގެ ކުރިން މަޖިލީހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ނަޝީދު އަރިހު: ރައީސް ވަނީ ނަޝީދުގެ ދައުވަތަށް ދެކޮޅު ހައްދަވައިފަ --

ގާނޫނުއަސާސީއަށާއި ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޝްވަރާކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާޢީލް ދެއްވި ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުފުޅެއް ނުކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރެއްވި މެންޑޭޓުން ބޭރު ކަމެއް ކަމަށާއި، އަމާޒަކީ ސަރުކާރުގެ ފަސް އަހަރުގެ މެނިފެސްޓޯ ތަންފީޒުކުރުން ކަމަށެވެ. ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އާންމު ވޯޓަކުން ވަކިކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

  • ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަޝްވަރާކުރުމަށް ދިން ދައުވަތަށް ރައީސް މުޢިއްޒު އިންކާރުކުރެއްވުން.
  • ރައީސްގެ އަމާޒަކީ ރައްޔިތުން ހަވާލުކުރި މެންޑޭޓާއި ވައުދުތައް ފުއްދުންކަމުގައި ވިދާޅުވުން.
  • ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާގެ މަގާމު ވަކިކުރުމަށް ހުށަހެޅުން.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އާންމު ވޯޓަކުން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅުން.

އިދިކޮޅު އެމްޑީޕީއާ މަޝްވަރާކުރުމަކީ ރައްޔިތުން ހަވާލުކުރި ޒިންމާއެއް ނޫން ކަމަށް ވިދާޅުވެ، ގާނޫނުއަސާސީއަށާއި ވެރިކަމުގެ ނިޒާމަށް ގެންނަން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ހުށަހެޅުއްވި ބަދަލުތަކާ މެދު މަޝްވަރާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެކޮޅު ހައްދަވައިފިއެވެ.

ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި ނަޝީދާއި ފައްޔާޒް ވަނީ "ބޮޑު ބަދަލެއް"ގެ ނަމުގައި، ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބޮޑެތި ބަދަލުތަކެއް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި، ގާނޫނުއަސާސީއަށާއި، ވެރިކަމުގެ ވައްޓަފާޅީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އިގުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް ހިމެނެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ އެ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން މަޝްވަރާކުރަންޖެހޭ ކަމަށް ވިދާޅުވެ، މަޝްވަރާކުރުމަށް ވެރިކަންކުރާ ޕީއެންސީއަށް ދައުވަތު އަރުވައިފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް މިހާރު ބޭނުން. އެއީއަކީއެއް ދެހާސް އަށާވީސްވަނަ އަހަރުގެ ފަހުން އަޅުގަނޑުމެން ހޯދަންވީ ބަދަލެއް ނޫން. ދިވެހި ސަރުކާރަށް އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާއެކު ދަންނަވަން، އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ އިޚްލާސްތެރިކަމާ އެކުގައި، [އެހެންކަމުން މަޝްވަރާއަށް] މޭޒު ދޮށަށް ވަޑައިގަންނަވާށޭ،" ނަޝީދު ވިދާޅުވެފައިވެއެވެ.

https://sun.mv/220838

މިކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މިއަދު ވިދާޅުވީ، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރީ މި ސަރުކާރުންވީ ވައުދުތައް ފުއްދައި، ސަރުކާރުގެ ފަސް އަހަރުގެ މެނިފެސްޓޯގައިވާ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ،" ކުރުކޮށް ދެއްވި ޖަވާބުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އޭގެ އިތުރުން ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމާއި، ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

https://sun.mv/220847

މި ބަދަލުތައް ތަފުސީލުކޮށްދެއްވަމުން ފައްޔާޒް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަބަދު ވެސް މައްސަލަ އުޅޭ ވާހަކަ ދެކެވޭކަން ފާހަގަކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ އަބަދުވެސް މަޖިލީހަށް ޖަވާބުދާރީކުރުވަނިވި ބޭފުޅަކަށް ވާންޖެހޭކަމަށް ވާހަކަދެކެވޭކަން ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ހުށަހަޅަނީ ހަމަޖެހުމާއި ސިޔާސީ ކަންކަމުގެ މައްޗަށް މީހަކު ހުންނަންޖެހެޔޭ، އެގޮތުން ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ހުންނަންޖެހޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ހުށަހަޅަނީ،" ހުށަހެޅުއްވި ބަދަލު ތަފުސީލުކޮށްދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ވެރިޔާގެ މަގާމު ބައްޓަންކުރެވިފައި އޮންނަން ވާނީ ސިޔާސީ ކަންކަމުން އެއްކިބާވެފައި ހުންނަ، ގައުމުގެ މުހިންމު ކަންކަމުގައި ބަސް ކިޔައި، ކަންކަންކުރާ ގޮތަށެވެ.

"ޚާއްސަކޮށް ރައްޔިތުންގެ ބާރުވެރިކަން، ގާނޫނުއަސާސީގެ ބާރުވެރިކަން ހިމާޔަތްކުރުމުގެ ރޯލެއް ދައުލަތުގެ ވެރިޔާއަށް އޮތުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ރަނގަޅު ބަދަލަކަށް ވާނެ،" ފައްޔާޒް ވިދާޅުވިއެވެ.

https://sun.mv/220834

ދައުލަތުގެ ވެރިފަރާތް އައްޔަންކުރާނީ ކައުންސިލާއި މަޖިލީހުން އެކުވެގެން ކަމަށްވެސް، ފައްޔާޒް ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ފައްޔާޒާއި ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭ ހިމެނެނީ، މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވަން އޯވަސައިޓް ކޮމިޝަނެއް ގާއިމްކުރުމާއި، އާންމު ވޯޓަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ހެދުމާއި، ބޮޑެތި އަދި މުހިއްމު ބަދަލުތައް ކައުންސިލަރުންނާއި މަޖިލިސް އެކުވެގެން ގެނެވޭ ގޮތަށް ހެދުމެވެ.

ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީ ތަފްސީލުކޮށްދީފައި ނެތުމުން، ގާނޫނުތަކާއި ޑިމޮކްރަސީ ގަބޫލުނުކުރާ، ގައުމަށް އިޚުލާސްތެރިނޫން ވެރިންނަށް، ރައްޔިތުންގެ ހައްގުތައް ބަދަލުކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ހުށަހަޅާ އެއް ހުށަހެޅުމަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ހުރި ހުރިހާ މާއްދާތައް، އޭގެ ތެރޭގައި ޑިމޮކްރަސީއާ ގުޅުންހުރި، ރައްޔިތުންގެ ބާރުވެރިކަމާ ގުޅުންހުރި ހުރިހާ މާއްދާއަކީވެސް ވަރަށް ސާފުކޮށް، އެކި ގޮތްގޮތަށް މާނަނުކުރެވޭ މިންވަރަށް ގާނޫނުއަސާސީގައި ލިޔެވިފައި އޮންނަ އޮތުން،" ފައްޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް