ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ޕީއެންސީން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ ދެ ބޭފުޅެކެވެ. އެއީ:
- ގޮނޑި ގެއްލުމުން އަލުން ކުރިމަތިލާ މުޙައްމަދު ސިނާން، ހުޅުދޫއާގެ، ސ. ހިތަދޫ
- އަޙްމަދު ސަޢީދު، ޚަލީލް، ސ. ހިތަދޫ
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މެންބަރަކަށް ހުންނެވި ސިނާން، އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
ނަމަވެސް، އަލުން ބާއްވާ ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ސިނާން ވަނީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރިން ވެސް އިޢުލާނު ކުރައްވާފައެވެ.
ޕީއެންސީން ބުނީ މި ދާއިރާގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ ހިތަދޫ އުތުރު ދާއިރާގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެންބަރުންނަށް އެކަނި ކަމަށް ވެސް އެ ޕާޓީން މަޢުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށެވެ. އެމްޑީޕީ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް ވެސް ވަނީ ފާޅުކުރައްވާފައެވެ.