އަހަރުގެ ފުރަތަމަ ތިން މަހު އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 30 އިންސައްތަ އިތުރު

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ ---- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 871 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު 563 މިލިޔަން ރުފިޔާއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 573 މިލިޔަން ރުފިޔާ ހިމެނެއެވެ. މި ފީތަކާއި ޓެކުހުން ބައެއް ފަރާތްތައް އިސްތިސްނާވާކަންވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.

  • ފުރަތަމަ ތިން މަހު ލިބުނު އާމްދަނީ 30 އިންސައްތަ ވަނީ އިތުރުވެފައި.
  • ޖުމްލަ އާމްދަނީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ލިބިފައިވޭ.
  • ޑިޕާޗާ ޓެކުހުގެ ގޮތުގައި 563 މިލިޔަން ރުފިޔާ ލިބިފައިވޭ.
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 573 މިލިޔަން ރުފިޔާ ލިބިފައިވޭ.

މި އަހަރުގެ މިހާތަނަށް އެއާޕޯޓް ޑެވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތަ އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސްދުވަހު މި ދެ ވައްތަރުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 871 މިލިޔަން ރުފިޔާ ކަމަށް މީރާގެ ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް މި އަހަރުގެ މި މުއްދަތުގައި ލިބުނު 1.1 ބިލިޔަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ---- ފޮޓޯ/ އެމްއޭސީއެލް

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ތަފްސީލް ވަކިވަކި ދާއިރާތަކަށް ބަލާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު 563 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 435 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 29.4 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 573 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 437 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 31.2 އިންސައްތަ އިތުރު އަދަދެކެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން މެއި 2017 އިން ފެށިގެން ނަގަމުން އަންނަ ފީއެކެވެ.

ޑިޕާޗާ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ.

ހަމައެހެންމެ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުންނެވެ.

comment ކޮމެންޓް