ޑައިރެކްޓަރު އެޓުލީގެ އާ ފިލްމުގެ ނަމަކީ 'ރާކާ'

އެޓުލީގެ އާ ފިލްމު "ރާކާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ އެންމެ އަގުބޮޑު ފިލްމީ ތަރިން ކަމަށްވާ އައްލޫ އަރުޖުން އާއި ދީޕިކާ ޕަދުކޯން ލީޑް ރޯލްތަކުން ފެންނާނެ ފިލްމުގެ ނަން އިއުލާނުކޮށްފިއެވެ.

ޑައިރެކްޓަރު އެޓުލީ ގެނެސްދޭ މި ފިލްމުގެ ނަމަކީ "ރާކާ"އެވެ. މިދިޔަ އަހަރުން ފެށިގެން ޝޫޓިންގް ކުރިއަށްދާ މި ފިލްމަކީ ފެންޓަސީ އެކްޝަން ޑްރާމާއެކެވެ. ފިލްމުގެ ފަސްޓްލުކް ޕޯސްޓަރާ އެކު ފިލްމުގެ ނަން އިއުލާނުކޮށްފައި މިވަނީ އެކްޓަރު އައްލޫ އަރުޖުންގެ 43 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ.

ފިލްމު "ޖަވާން"އަށް ފަހު އެޓުލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ރާކާ" އަކީ ދީޕިކާ އާއި އައްލޫ އަރުޖުން އެކީގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމެވެ. ދީޕިކާ ވަނީ މީގެކުރިން އެޓުލީއާ އެކު މަސައްކަތްކޮށްފައެވެ.

ފިލްމު "ރާކާ"ގެ ޕޯސްޓަރުގައި އައްލޫ އަރުޖުން ވަރަށް ތަފާތުގޮތަކަށް ދައްކައިލިއިރު މި ފިލްމު ބެލުންތެރިންނަށް ހަމައަށް ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ރާކާ"ގެ ލީޑް ތަރިން ކަމަށްވާ އައްލޫ އަރުޖުން، ދީޕިކާ ޕަދުކޯން އަދި ފިލްމުގެ ޑައިރެކްޓަރު އެޓުލީ--ފޮޓޯ/އެންޑީޓީވީ

ފިލްމުގެ ނަމާއި އާ ޕޯސްޓަރު ދައްކައިލި ނަމަވެސް ބެލުންތެރިންނަށް ގެނެސްދޭނެ ސީދާ ތާރީޚެއް އިއުލާނު ނުކުރެއެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމުން އައްލޫ އާއި ދީޕިކާގެ އިތުރުން މްރޫނާލް ތާކުރު، ޖާންވީ ކަޕޫރު އަދި ރަޝްމިކަން މަންދަންނާ މުހިއްމު ރޯލްތަކުން ފެންނާނެއެވެ.

ހަމައެއާއެކު މި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ބަތަލާ އަނުޝްކާއަށް ހުށަހަޅާފައިވާ ކަމަށް ވެސް ފަހުގެ ރިިޕޯޓުތަކުން ބުނެފައިވެއެވެ. ނަމަވެސް އެކަން މިހާތަނަށް އެޓުލީގެ ޓީމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފިލްމު "ޖަވާން"އަށް ލިބުނު މަގުބޫލުކަމާއި ކާމިޔާބީއާ އެކު އެޓުލީ ހިމެނިފައި ވަނީ އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ޑިމާންޑުބޮޑު ފިލްމު ޑައިރެކްޓަރުންގެތެރޭގައެވެ.

comment ކޮމެންޓް