ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު ޖޫނިއާ އެންޓީއާރް އަލަށް މަސައްކަތް ކުރަމުން އަންނަ ފިލްމު "ޑްރެގަން"ގެ ޝޫޓިން ތެރޭ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަގުތީ ގޮތުން ފިލްމީ މަސައްކަތްތަކުން 'ބްރޭކެއް' ނަގާފައިވާ ކަމަށް ބުނެފިއެވެ.
އެންޓީއާރްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އޭނާގެ ޓީމުން ރަސްމީ ބަޔާނެއް ވެސް ނެރެފައި ވާއިރު، ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ހަ ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތަކަށް ފުރިހަމައަށް އަރާމުކުރުމަށް ޑޮކްޓަރުން ވަނީ އެކްޓަރަށް ލަފާދީފައި ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މި ހާދިސާއަށްފަހު ވަގުތުން އެންޓީއާރްގެ ސިއްހީ ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މި ތަހުލީލުތައް ކުރިއަށް ގެންގޮސްފައި ވަނީ ޑރ. ޖޭ މަދޫސޫދަން ރާއޯ އަދި ޑރ. އާރު.އޭ ޕޫރްނަޗަންދުރަ ތޭޖަސްވީ އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުންނެވެ. އިއްޔެގެ ވަގުތެއްގައި ނެރުނު މި ބަޔާނުގައި، އެކްޓަރުގެ ސަޕޯޓަރުން ކަންބޮޑުނުވުމަށް ޖޫނިއާ އެންޓީއާރުގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޖޫނިއާ އެންޓީއާރް ފިލްމު "ޑްރެގަން"ގެ ޓީޒާގެ މަންޒަރެއްގައި -- ފޮޓޯ/ އިންޑިއާޓުޑޭ
މީގެއިތުރުން، އެއްވެސް މީހަކު ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ނެތް ކަމުގެ ޔަގީންކަން ދެމުން، އޭނާގެ ސިއްހީ ހާލަތާ ގުޅޭ ރަސްމީ މައުލޫމާތުތައް ދޭތެރެ ދޭތެރެއިން ހިއްސާކުރަމުންދާނެ ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ޖޫނިއާ އެންޓީއާރު އެންމެ ފަހުން ފެނިފައިވަނީ ކޮރަޓާލާ ސިވާ ޑައިރެކްޓްކޮށް 2024 ވަނަ އަހަރު ނެރުނު "ދެވަރާ: ޕާޓް 1"އިންނެވެ.
މީގެ އިތުރުން، ޔަޝް ރާޖް ފިލްމްސްއިން މިދިޔަ އަހަރު ރިލީޒްކުރި "ވޯ 2"އިން އެންޓީއާރު ވަނީ ހިންދީ ސިނަމާއަށް ތައާރަފުވެފައެވެ.