ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޕަންކަޖް ތުރިޕާތީއަށް އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބަންގައި 'އާޓިސްޓް އޮފް ޑިސްޓިންކްޝަން' އެވޯޑް އަރުވަން ނިންމައިފިއެވެ.
މި ޝަރަފަކީ އިންޑިއާގެ ސިނަމާއަށް ޕަންކަޖް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކާއި، އެ ގައުމުގެ އެންމެ އިހުތިރާމް ލިބިގެންވާ އެއް ފަންނާނުގެ ގޮތުގައި އޭނާ ކަޑައްތުކުރި ކާމިޔާބު ދަތުރު ފާހަގަކުރުމުގެ ގޮތުން އަރުވާ އެވޯޑެކެވެ.
މިއީ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ މި އެކްޓަރު، މެލްބަންގައި ބާއްވާ މި ފެސްޓިވަލްގައި ބައިވެރިވެ، މިފަދަ ޝަރަފެއް ހާސިލްކުރާ ފުރަތަމަ ފަހަރު ކަމަށް މި ފެސްޓިވަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ގޭންގްސް އޮފް ވަސޭޕޫރް"، "ނިއުޓަން" އަދި "ސްޓްރީ" ފަދަ ފާހަގަކޮށްލެވޭ ފިލްމުތަކުގައި މުހިއްމު ރޯލެއް ކުޅެފައިވާ ތުރިޕާތީ ބުނި ގޮތުގައި، މި އެވޯޑް ލިބުމަކީ އޭނާއަށް ވަރަށް ޚާއްސަ އަދި މާނަ ފުން ކަމެކެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރާ ޕަންކަޖްގެ ފިލްމު ""އޯ މައި ޑޯގް"ގެ ޕޯސްޓަރެއް -- ފޮޓޯ/ ބޮލީވުޑްހަންގާމާ
"މެލްބަން ފެސްޓިވަލްގައި 'އާޓިސްޓް އޮފް ޑިސްޓިންކްޝަން' ޝަރަފު ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ވާހަކަތަކަކީ ބަހާއި ސަރަހައްދުގެ އިމުން ބޭރުވެ، އިންސާނުންގެ ހިތްތައް ގުޅުވައިދިނުމުގެ ބާރު ލިބިގެންވާ އެއްޗެއް ކަމަށް" ޕަންކަޖް ބުނެފައި ވެއެވެ.
ޕަންކަޖް އިތުރަށް ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ މައިދާނެއްގައި އޭނާގެ މަސައްކަތް ބަލައިގަތުމަކީ ފިލްމީ ކެރިއަރަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީގެ ހަގީގީ ހިއްސާދާރުންނަކީ ފިލްމު އުފައްދާ ފަރާތްތަކާއި، ޑައިރެކްޓަރުންނާއި، އެކުގައި މަސައްކަތްކުރި ފަންނާނުންގެ އިތުރުން، އޭނާގެ މަސައްކަތަށް ލޯބިކުރާ ބެލުންތެރިން ކަމަށް އޭނާ ބުންޏެވެ. އިންޑިއާގެ ބިހާރުގެ ކުޑަކުޑަ އަވަށަކުން ފިލްމީ ދާއިރާއާ ގުޅި، ދުނިޔެއަށް މަޝްހޫރުވެ، މިފަދަ ޝަރަފެއް ލިބިދާނެ ކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރާ ކަމަށް ޕަންކަޖް ބުނެފައިވެއެވެ.
ފެސްޓިވަލްގެ ޑައިރެކްޓަރު މިތޫ ބޯމިކް ލަންގް ވިދާޅުވި ގޮތުގައި، ތުރިޕާތީއަކީ މި ޖީލުގެ އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ، ބަހާއި ސަގާފަތުގެ އިމުން ބޭރުގައިވެސް ބަލައިގަންނަ ފަންނާނެކެވެ. އޭނާގެ ކޮންމެ ކެރެކްޓާއަކުންވެސް ދައްކުވައިދޭ ކުޅަދާނަކަމުގެ ސަބަބުން، އޭނާއަކީ މިއަދު އިންޑިއާގެ ސިނަމާގައި އެންމެ އިހުތިރާމް ލިބިގެންވާ އެއް ފަންނާނު ކަމަށް އޭނާ ފާހަގަކުރިއެވެ.
އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވާ މި ފެސްޓިވަލް ކުރިއަށްދާނީ މިފެށޭ އޮގަސްޓް މަހުގެ 13އިން ފެށިގެން 23ގެ ނިޔަލަށެވެ.