ކުރީގެ ބަތަލާ ސްރީދޭވީގެ ފަހު ފިލްމު 'މޮމް'ގެ ސީކުއަލް ނޮވެމްބަރު މަހު ސިނަމާތަކަށް

ކުރީގެ ބަތަލާ ސްރީދޭވީ އަދި ސްރީގެ ދަރިފުޅު ޚުޝީ ކަޕޫރު--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ވަދާއީ ފިލްމު "މޮމް"ގެ ސީކުއަލްއިން ސްރީގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރު ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ. ޒޯޔާ އަޚްތަރުގެ "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފުވި ޚުޝީގެ ކުރީގެ ބައެއް މަސައްކަތްތަކަށް އެދެވޭ ތަރުހީބެއް ލިބިފައި ނުވުމާއެކު، "މަމް 2" ބެލެވެނީ އޭނާގެ އެކްޓިން ކެރިއަރު ބަދަލުކޮށްލާނެ ފިލްމެއްގެ ގޮތުގައެވެ.

ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ "މަމް 2"ގެ މަންޒަރުތައް ނަގާފައިވަނީ އިންޑިއާގެ ނޮއިޑާގެ އިތުރުން ގްރީސްގައެވެ. މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ތުރިލާ "މަމް"ގެ ސީކުއަލްއެކެވެ.

ފިލްމު "މޮމް 2"އިން ޚުޝީގެ އިތުރުން ކަރިޝްމާ ތަންނާ އަދި ޖިޝޫ ސެންގުޕްތާ ފަދަ ތަރިން މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމު ޑައިރެކްޓް ކުރަނީ ގިރިޝް ކޯލީއެވެ. ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "މަމް 2" އަކީ ފުރަތަމަ ފިލްމުގެ ވާހަކަ ކުރިއަށްދާ ގޮތަށް އުފައްދާ ފިލްމެއް ނޫނެވެ.

ދެހާސްސަތާރަ ވަނަ އަހަރު ރިލީޒްކުރި ފިލްމު "މޮމް"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ

އޭގެ ބަދަލުގައި މިއީ އަންހެން ކެރެކްޓާއެއްގެ ވަރުގަދަ ދައުރެއް ދައްކުވައިދޭނެ، އިންސާފު ހޯދުމުގެ މައްޗަށް ބިނާކޮށްފައިވާ މުޅިން އައު ވާހަކައަކަށްވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރަވީ އުދިޔަވަރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ފުރަތަމަ ފިލްމު "މޮމް"އިން ސްރީދޭވީއަށް ވަނީ އެންމެ މޮޅު ބަތަލާގެ ނޭޝަނަލް އެވޯޑް ވެސް ލިބިފައެވެ.

ސްރީދޭވީ މަރުވެފައިވަނީ އާއިލީ ކައިވެންޏަކަށް ދުބާއީއަށް ކުރި ދަތުރެއްގައި 2018 ވަނަ އަހަރުއެވެ. ސްރީދޭވީ މަރުވީ ފިލްމު "މޮމް" ބެލުންތެރިންނަށް ގެނެސްދިންތާ ގާތްގަނޑަކަށް އަށް މަސްފަހުންނެވެ.

comment ކޮމެންޓް