އީރާނަށްފަހު އެމެރިކާގެ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާނަށްފަހު ކިއުބާ ހިފާފާނެ ކަމުގެ އިންޒާރެއް ޓްރަމްޕް ވަނީ ދެއްވާފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނަކާ ގުޅިގެން، އީރާނަށްފަހު ދެން އެމެރިކާގެ އަސްކަރީ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. ސައުދީ އަރަބިއާގައި ބޭއްވި ވިޔަފާރި ކޮންފަރެންސެއްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުން މިކަމަށް އިޝާރާތް ކުރެވުނު ނަމަވެސް، ފަހުން އެ މަނިކުފާނު ވަނީ އެކަން ދޮގު ކުރައްވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ކިއުބާގެ ސަރުކާރުން މިހާރު ދަނީ އެމެރިކާގެ ފަރާތުން އަތުވެދާނެ އަސްކަރީ ނުރައްކަލަކަށް ތައްޔާރުވަމުންނެވެ.

  • އެމެރިކާއިން ކިއުބާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅައިފާނެ ކަމުގެ ބިރު ކިއުބާގެ ޚާރިޖީ ވުޒާރާއިން ފާޅުކޮށްފިއެވެ.
  • ކިއުބާގެ އިގްތިސާދީ ހާލަތު ދަށްވުމާއި، ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކުގެ ސަބަބުން އެމެރިކާގެ ފިއްތުންތައް ވަނީ އިތުރުވެފައެވެ.
  • ޓްރަމްޕް ވަނީ ކިއުބާގެ ލީޑަޝިޕް ބަދަލުވާން ޖެހޭ ކަމަށް ސިފަކުރައްވައި އެކި ފަހަރުމަތިން އިންޒާރުތައް ދެއްވާފައެވެ.
  • ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރުކުރުމަށްފަހު، އެމެރިކާގެ ސިޔާސަތުތައް މި ސަރަހައްދުގައި ވަރަށް ބޮޑަށް ހަރުކަށިވެފައިވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރިއަށްގެންދާ ހަނގުރާމައަށްފަހު، އެމެރިކާގެ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ އިޝަރާތެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ވެނެޒުއެލާ އާއި އީރާނުގައި އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަންތަކަކީ ކާމިޔާބު އޮޕަރޭޝަންތަކެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ސައުދީގެ ވިޔަފާރި ކޮންފަރެންސް ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަމިއްލައަށް އެމެރިކާގެ އަސްކަރިއްޔާ ބިނާކޮށް، އަސްކަރިއްޔާ ބޭނުންކޮށްފައިވާ ކަމަށާއި، "ދެން އޮތީ ކިއުބާ" ކަމަށެވެ.

ނަމަވެސް އެގޮތަށް ވިދާޅުވުމަށްފަހު އެއީ އެ މަނިކުފާނު ވިދާޅުވި އެއްޗެއް ކަމަށް ނަހަދަން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އެގޮތަށް އިޝާރާތް ކުރައްވާފައިވާއިރު، އެެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއަކަށް ތައްޔާރުުވަމުންދާ ކަމަށް ކިއުބާގެ ޚާރިޖީ ވަޒީރުގެ ނައިބު ކާލޯސް ފަރްނާންޑޭޒް ޑި ކޮސިއޯ މިދިޔަ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އަސްކަރިއްޔާ އަބަދުވެސް ތިބީ ތައްޔާރަށް، އަދި ހަގީގަތުގައި މި ދުވަސްވަރު ތައްޔާރުވަމުންދަނީ (އެމެރިކާ) އަސްކަރީ އަނިޔާވެރިކަމުގެ ނުރައްކަލަށް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކަށް ބެލުމަކީ ބުއްދިވެރި ކަމެއް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ، މުޅި ކިއުބާއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، އެކަން ރަނގަޅު ކުރެވޭނެ ގާބިލުކަން ކިއުބާގައި މިހާރު އޮތް ސަރުކާރުގައި ނެތް ކަމަށާއި، އެކަން ކުުރުމަށް އާ ލީޑަޝިޕެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ކިއުބާއާ މަޝްވަރާ ކުރަމުންދާ ކަމަށާއި ''އެކުވެރިކަމާއެކު ކިއުބާ ހިފާފާނެ'' ކަމަށް މި މަހުގެ ކުރީކޮޅުވެސް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.

ކިއުބާގެ އެކުވެރި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމަށްފަހު، ކިއުބާ ހިފުމަކީ ޓްރަމްޕް ބޭނުންފުޅުވެފައިވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިގްތިސާދު ބަލިކަށިވެފައި އޮތުމުން ކިއުބާއަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް، މަދޫރޯ ހައްޔަރު ކުރުމަށްފަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ވަނީ ކިއުބާއަށް ވިޔަފާރީގެ ގޮތުން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް 1962 ވަނަ އަހަރުން ފެށިގެން އަޅާފައެވެ.

ކިއުބާއަށް ތެޔޮ ވިއްކައި ނުވަތަ އެ ނޫން ވެސް ގޮތަކުން ތެޔޮ ފޯރުކޮށްދޭ ގައުމުތަކުގެ މުދަލުން ޓެރިފް ނެގުމުގެ އުސޫލެއް ކަނޑައެޅުމަށްވެސް ރަސްމީ އަމުރެއްގައި ޖެނުއަރީ މަހުގެ ފަހުކޮޅު ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ. އެ އަމުރުގައި ކިއުބާ ސަރުކާރަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އާދަޔާ ޚިލާފަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތީ ކަންކަމާ ގުޅިގެން ގްރީންލޭންޑް ހިފަން ބޭނުންވާ ކަމަށްވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް