އީރާނާއެކު އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރު ވިދާޅުވަމުން ކުރައްވަމުން ގެންދަވާއިރު، އީރާނުން "މި ހަފްތާގައި" އެމެރިކާއެކު މަޝްވަރާ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވެއްޖެއެވެ.
އަދި އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް އީރާނުން ރައްދު ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިޓްކޮފް ވިދާޅުވިއެވެ.
"އަހަރެމެންނަށް ހީވަނީ މި ހަފްތާގައި ބައްދަލުވުންތައް އޮންނާނެހެން، ހަމަ ޔަގީނުން ވެސް އެކަމަށް އުންމީދު ކުރަން." އީރާނުގެ މަޝްވަރާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މިއާމީގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ވިޓްކޮފް ވިދާޅުވިއެވެ.
އީރާނުން ހަރްމޮޒް ކަނޑުއޮޅިން 10 ތެޔޮ ޓޭންކަރަކަށް ހުރަސް ކުރުމުގެ ހުއްދަ ދިން ކަމަށް ވިދާޅުވެ މީގެކުރިން ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް އީޝަރާތް ކުރައްވައި ވިޓްކޮފް ވިދާޅުވީ އެއީ ވަރަށް ރަނގަޅު ނިޝާނެއް ކަމަށެވެ. ނަމަވެސް އެ ތެޔޮ ޓޭންކަރުތައް ހުރަސް ކުރި ކަމަށް އެއްވެސް ބަޔަކު ކަށަވަރެއް ނުކޮށްދެއެވެ.
ހަފްތާތަކެއްގެ ކަމެއް، މަސްތަކެއް ނޫން
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ އީރާނާ ދެކޮޅަށް ކުރާ އަސްކަރީ ކެމްޕޭނަކީ ހަފްތާތަކެއް ތެރޭގައި ނިންމާލެވޭނެ ކަމެއް ކަމަށެވެ. އެކަމަށް މަސްތަކެއް ނުނަގާނެ ކަމަށާއި އެއްގަމު މަގުން އީރާނަށް ހަމަލާދޭން ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ރޫބިއޯ ވިދާޅުވިއެެވެ.

އީރާނުގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިއްޔެ ދިން ހަމަލާއެއްގައި ކާރެއް ހަލާކުވެފައި.ފޮޓޯ/ގެޓީ
ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު، އެ ހަމަލާތަކުގައި އީރާނުގެ 1340 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ރައްދުގައި އީރާނުން އަންނަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އުރުދުން، އިރާގު އަދި ގަލްފް ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.
ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހޮރްމޮޒް ކަނޑުއޮޅި މެދުވެރިކޮށް ބައެއް ބޯޓުފަހަރު ދަތުރުކުރުމަށް ހުރަސްއަޅާފައެވެ. އެހެންެވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، އެކަމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާނެ ކަމަށް މާހިރު ވިދާޅުވެއެވެ.
ހަރްމޮޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ކަނޑުއޮޅިއެކެވެ.