އެެމެރިކާގެ ރަސްމީ ފައިސާ، އެމެރިކާ ޑޮލަރުގެ ނޫޓަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި އަރުވަން ނިންމާފައިވާ ކަމަށް ޓްރެޜަރީ ޑިޕާޓްމަންޓުން އިއުލާނުކޮށްފިއެވެ.
އެމެރިކާގެ ނޫޓުތަކުގައި މީގެކުރިން ޖަހަނީ ޓްރެޜަރީގެ އޮފިޝަލުންގެ ސޮއިއެވެ.
މިއީ އެމެރިކާގެ ރައީސެއްގެ ސޮއި ޑޮލަރުގައި ޖަހާ ފުރަތަމަ ފަހަރު ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.
ޓްރަމްޕްގެ ސޮއި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓުގެ ސޮއިއާ އެކު ޑޮލަރުން ފެނިގެންދާއިރު، މިއީ އެމެރިކާއަށް 250 އަހަރު ފުރޭ މުނާސަބާ ފާހަގަކުރަން ކުރެވޭނެ އެންމެ ފާހަގަކޮށްލެވޭނެ ފިޔަވަޅު ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
"އަޅުގަނޑުމެންގެ ގައުމު އަދި ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ތާރީޚީ ކާމިޔާބީތައް ދެނެގަތުމަށް އޭނާގެ ނަން ލިޔެފައިވާ އެމެރިކާ ޑޮލަރުގެ ނޫޓުތަކަށް ވުރެ ވަރުގަދަ ގޮތެއް ނެތް." ބެސެންޓް ވިދާޅުވިއެވެ.
ޓްރަމްޕާއި ބެސެންޓްގެ ސޮޔާއެކު ފުރަތަމަ 100 ޑޮލަރު ނޫޓުތައް، ޖޫން މަހު ޗާޕްކުރާއިރު، އޭގެ ފަހުން އިތުރު ނޯޓުތައް ޗާޕްކުރާނެއެވެ.
މިހާރު ޗާޕް ކުރަމުންދާ ނޯޓްތަކުގައި ކުރީގެ ރައީސް ޖޯ ބައިޑަންގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ޓްރެޜަރާ ލިން މަލާބާގެ ސޮއި ހިމެނެއެވެ.
އެމެރިކާގެ ޓްރެޜަރާގެ ސޮއި ބޭންކް ނޫޓުތަކުގައި ފެނުމަކީ 1861 ވަނަ އަހަރުން ފެށިގެން އެެމެރިކާގައި އޮތް ސަގާފަތެކެވެ.
އެކަމާ ގުޅިގެން ކެލިފޯނިއާގެ ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ މިހާރު އެމެރިކާ މީހުންނަށް ކާބޯތަކެއްޗާއި ގޭހާއި ކުލި އަދި ސިއްހީ ފަރުވާއަށް އިތުރަށް ފައިސާ ދައްކަންޖެހޭނަމަ، ކުށްވެރި ކުރަންވީ ކާކުކަން ސީދާ އެނގޭނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅު ފެޑެރަލް އާޓްސް ކޮމިޝަނަކުން ވަނީ އެމެރިކާގެ 250 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ޓްރަމްޕްގެ ސޫރަ ޖަހާފައިވާ 24 ކެރެޓްގެ ރަން ފައިސާ ފޮއްޗެއް ވެސް ފާސްކޮށްފައެވެ.
ރައީސް ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރު، ކޯވިޑް-19 ގެ ދުވަސްވަރު އެމެރިކާގެ އެތައް މިލިއަން ބަޔަކަށް ފޮނުވި ކަރުދާސް ސަޕޯޓް ޗެކްތަކުން ވެސް ރައީސް ޓްރަމްޕްގެ ނަން ފެނިފައިވެއެވެ.