ވަރުންގެ ފިލްމު 'ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ' ރިލީޒްކުރުން ފަސްކޮށްފި

ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ"ގެ ލީޑް އެކްޓަރު ވަރުން ދަވަން އަދި އެ ފިލްމުގެ މޯޝަން ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ލީޑް ރޯލުން ފެންނަ ފިލްމު 'ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ' ރިލީޒްކުރުން އެއް ހަފުތާއަށް ފަސްކޮށްފިއެވެ. ކުރިން ޖޫން މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި އޮތް މި ފިލްމު، މިހާރު ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހަށެވެ. މި ބަދަލު ގެނައީ ކަންނާޑާ އެކްޓަރު ޔަޝްގެ ބޮޑު ފިލްމު 'ޓޮކްސިކް' ރިލީޒްކުރުމާ އެއް ދުވަސްވަރެއްގައި ދިމާވާތީއެވެ. ޓިޕްސްފިލްމްސްއިން ބުނި ގޮތުގައި، މި ފިޔަވަޅަކީ ވާދަވެރިކަމަށްވުރެ ބޮޑަށް ފިލްމު އުފައްދާ ފަރާތްތަކުގެ މެދުގައި އެކުވެރިކަމާއި އެހީތެރިކަން ދެމެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.

  • ފިލްމު ރިލީޒްކުރާ ތާރީޚު ޖޫން 5 އިން 12 އަށް ފަސްކުރުން.
  • ޔަޝްގެ 'ޓޮކްސިކް' އާ އެއް ދުވަސްވަރެއްގައި ރިލީޒްވާތީ ވާދަވެރިކަން ކުޑަކުރުން.
  • އިންޑަސްޓްރީގެ ގުޅުން ބަދަހިކުރުމަށް ޕްރޮޑިއުސަރުންގެ މެދުގައި އޮންނަ އެކުވެރިކަމަށް އިސްކަންދިނުން.
  • މިއީ ވަރުން ދަވަން އާއި އޭނާގެ ބައްޕަ ޑޭވިޑް ދަވަން ގުޅިގެން ގެނެސްދޭ 4 ވަނަ ފިލްމު.

މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެހުނު ބޮލީވުޑްގެ ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ރިލީޒްކުރުން ހަފްތާއެއް ފަސްކޮށްފައިވާކަން އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން އިއުލާނުކޮށްފިއެވެ.

ވަރުން ދަވަން، ޕޫޖާ ހެގްޑޭ އަދި މްރޫނާލް ތާކުރު ލީޑް ރޯލްތަކުން ފެންނާނެ މި ފިލްމަކީ ވަރުންގެ ބައްޕަ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އުފެއްދުމެކެވެ. މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފިލްމު ރިލީޒްކުރާގޮތަށް ކުރިން ނިންމި ނިންމުން ބަދަލުކޮށްފައި ވަނީ އޭގެ އެއް ދުވަސްކުރިން މަޝްހޫރު ކަންނާޑާ އެކްޓަރު ޔަޝްގެ ބޮޑު ބަޖެޓް ފިލްމު "ޓޮކްސިކް" ސިނަމާތަކަށް ގެންނަން ތާވަލުކުރުމާ ގުޅިގެންނެވެ.

ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ"ގެ ސެޓުގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ އާ ތާރީޚަކީ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. މިކަމާ ގުޅިގެން މި ފިލްމުގެ ގެނެސްދޭ ޓިޕްސްފިލްމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފިލްމު ރިލީޒްކުރާ ތާރީޚު ކަނޑައަޅައި އެކަން އިއުލާނުކޮށްފައި ވަނީ މީގެ މަސްތަކެއް ކުރިން ކަމަށެވެ.

ނަމަވެސް މިފަހުން ބައެއް ފިލްމުތައް ރިލީޒްކުރާ ތާރީޚަށް އައި ބަދަލުތަކާ ގުޅިގެން ފިލްމު ރިލީޒްކުރުން ފަސްކުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ޓިޕްސްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ފިލްމުތައް އެއް ތާރީޚެއްގައި ރިލީޒްކުރުމާ މެދު ދެބަސްވުމުގެ ބަދަލުގައި ފިލްމު އުފައްދާ ޕްރޮޑިއުސަރުންގެ މެދުގައި ވާދަވެރިކަމަށްވުރެ ބޮޑަށް، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ރިވެތި އާދަ އޮތުމަކީ އިންޑަސްޓްރީގެ އެންމެންގެ މެދުގައި ވެސް އޮންނަ ގުޅުން ރަނގަޅުވާނެ ކަމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ފިލްމަކީ ވަރުން އާއި ބައްޕަ ޑޭވިޑް އެކީގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. ދެ ބަފައިން އެކީގައި އެންމެފަހުން މަސައްކަތްކޮށްފައި ވަނީ 2020ގައި ރިލީޒްކުރި ފިލްމު "ކޫލީ ނަމްބަރު 1"ގައެވެ.

comment ކޮމެންޓް