ޝާހްރުކަކީ އަހަންނަށް ވުރެވެސް މާ މޮޅު އެކްޓަރެއް: ޖޭސަން މޮމޯ

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަދި ހޮލީވުޑްގެ އެކްޓަރު ޖޭސަން މޮމޯ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ކިންގް ޚާންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝާހްރުކް ޚާން އަކީ ވަރަށް ހުނަރުވެރި އަދި އެހާމެ މޮޅު އެކްޓަރެއް ކަމަށް ހޮލީވުޑްގެ އެކްޓަރު ޖޭސަން މޮމޯ ބުނެފިއެވެ.

މި އަންނަ ހޮނިހިރު ދުވަހު ރިލީޒްކުރާ ޖޭސަންގެ އާ ފިލްމު "ދަ ވްރެކިންގް ކްރޫ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ޖޭސަން ބުނީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް އަކީ އޭނާއަށްވުރެ ވެސް މާމޮޅު އެކްޓަރެއް ކަމަށާއި ވަރަށް މޮޅު ފަންނާނެއް ކަމަށެވެ.

މަގުބޫލު ފިލްމު "އަކުއަމޭން"ގެ އެކްޓަރު މޮމޯ އާއި ޝާހު ވަނީ ސައުދީ އަރަބިއްޔާގައި ބޭއްވި ޖޯއި އެވޯޑް ޝޯއިން ވެސް އެކި ފަހަރުމަތިން ބައްދަލުވެފައެވެ.

އެ ބައްދަލުވުންތަކުގައި މޮމޯއާ އެކު ހޮލީވުޑްގެ ތަރިން ކަމަށްވާ ޖެކީ ޗަން އަދި ވެން ޑޭމް ބައްދަލުވެފައިވާއިރު މޮމޯ ފާހަގަކުރި ގޮތުގައި ޝާހު އަކީ ވަރަށް ރީތި އެކްޓަރެއް ވެސް މެއެވެ.

ހަމައެއާއެކު ޝާހު އަކީ އެހެންމީހުންނަށް އިހުތިރާމްކުރާ ވަރަށް އަހުލާގު ރަނގަޅު އެކްޓަރެއްގެ ގޮތުގައި މޮމޯ ވަނީ ސިފަކޮށްފައެވެ. އެހެންވެ ޝާހުއާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ބަޔާންކުރަން ދަތި އުފާވެރިކަމެއް އިހުސާސްވާ ކަމަށް މޮމޯ ވަނީ ބުނެފައެވެ.

ފިލްމު "ކިންގް"ގެ ޓީޒާގެ މަންޒަރެއްގައި ޝާހްރުކް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝާހު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް"އިންނެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ކްރިސްމަސް ޗުއްޓީއާ ދިމާކޮށެވެ. ޝާހުގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ މި ފިލްމަކީ ކުޅަދާނަށް ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުންޏާ ގުޅިގެން ޚުދު ސިދާތު ޑައިރެކްޓްކުރާ ފިލްމެކެވެ.

comment ކޮމެންޓް