އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ވެމްކޯގެ މުވައްޒަފުންތަކެއް އެހެން ރަށްރަށަށް ބަދަލުކުރިކަމުގެ ތުހުމަތު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް (ކ)، ތިނަދޫގެ މޭޔަރު ސަޢުދު (މ) އަދި ވަކިކުރި މުވައްޒަފުން --- ފޮޓޯ: ފައްޔާޒް އިސްމާޢީލް

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ތިނަދޫ ސިޓީގައި މަސައްކަތްކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ތިން މުވައްޒަފަކު އެހެން ރަށްރަށަށް ބަދަލުކޮށްފިކަމަށް ތުހުމަތުކޮށްފިއެވެ.

'އެކްސް'ގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ހިއްސާކުރެއްވި ޕޯސްޓެއްގައިވަނީ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ތިނަދޫގެ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ، ސަރުކާރުން ވެމްކޯގެ ތިން މުވައްޒަފަކަށް އަނިޔާދީފައިވާ ކަމަށެވެ.

"އެގޮތުން އަޅުގަނޑާއެކު ފޮޓޯއެއް ނެގުމުން މިއަދު ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިޠު [މުޙައްމަދު]، [މުޙައްމަދު] ނާޢިފް އަދި [މުޙައްމަދު] ޞާލިޙް އަޙްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކޮށްފި، ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއް،" ތިނަދޫގެ މޭޔަރު ސަޢުދު ޢަލީ ވެސް ހުންނެވި އެ ފޮޓޯ ހިއްސާކުރައްވައި ފައްޔާޒް ލިޔުއްވާފައިވެއެވެ.

ފައްޔާޒް ލިޔުއްވާފައިވަނީ، ކައުންސިލު އިންތިޚާބުގައި ސަރުކާރަށް ތާއީދުނެތް ކަމަށް ފެނުމުން އެސްއޯއީތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށެވެ.

އޭނާ ލިޔުއްވިގޮތުގައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ޚިޔާލު ފާޅުކުރުމުގެ ހައްގު ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ލިބިގެންވެއެވެ.

"ދިވެހިންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން އަޅުގަަނޑުމެން ނޫނެކޭ ބުނަން ޖެހޭ،" ފައްޔާޒްގެ ޕޯސްޓުގައިވެއެވެ.

https://sun.mv/217639

ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، ޢަބްދުލްކަރީމް ޢަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމައިފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަނީ ވަކިކޮށްފައެވެ.

comment ކޮމެންޓް