ހަވަރު ތިނަދޫ ފަޅުކުރުމުން މިސާލު ނަންގަވައި ސައުދު: މިހާރު ރަށްތައް ފަޅުކުރަނީ މާލެއަށް ޖަމާވާން މަޖުބޫރުކޮށްގެން

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ: އޭނާއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

މީގެ ކުރިން ވެރިކަމުގެ ނިޒާމުގެ ތެރެއިން ހަވަރު ތިނަދޫގެ ރައްޔިތުން ގަތުލުކޮށް އެ ރަށް ފަޅުކޮށްލި ކަމަށާއި، ހަމަ އެގޮތަށް، މާލެ ސަރަހައްދަށް މީހުން ޖަމާކޮށްގެން މިހާރު އޮތް ސަރުކާރުން ވެސް ރަށްތައް ފަޅުކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ، ތާރީޚުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ތިނަދޫގެ މަހުޖަނުންނަކީ ދައުލަތް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިން ބައެއް ކަމަށެވެ. ނަމަވެސް އެކަން ''ހަޖަމު ނުވި'' ބަޔަކު ވެރިކަމުގައި ތިބެ، ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް އެތައް ރައްޔިތުންނެއް ގަތުލުކޮށް، އެ ރަށް ސުންނާފަތިކޮށްލީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ މިހާރުގެ ސަރުކާރުން ވެސް ކުރަނީ ހަމަ އެ މަސައްކަތް ކަމަށާއި، ނަމަވެސް މިހާރު އެކަން ކުރަނީ ތަފާތު ގޮތަކަށް ކަމަށެވެ.

ދިވެހި ސިފައިން 1962 ވަނަ އަހަރު ތިނަދޫއަށް އަރައި އެ ރަށުން މީހުން ބާލަނީ --

އެގޮތުން ރަށުން ގަދަކަމުން މީހުން ބާލައި ރަށް ސުންނާފަތި ކުރުމުގެ ބަދަލުގައި މިހާރު އަމަލުކުރާ ގޮތަކީ، ރަށްރަށުގައި ޚިދުމަތްތައް ނުދީ، މާލެއަށް ދިޔުން ނޫން ގޮތެއް ނެތް ކަމަށް ސަރުކާރުން ދެއްކުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ގަދަކަމުން މީހުން ބާލައި ރަށް ސުންނާފަތި ކުރުމުގެ ބަދަލުގައި ރަށްރަށުގައި ދޭންޖެހޭ ސިއްޚީ ނިޒާމާއި ތައުލީމީ ނިޒާމް ހަލާކުކޮށް، ވަޒީފާތައް އުފެއްދޭނެ މަގު ބަންދުކޮށް، ބޯހިޔާވަހިކަން ފޯރުކޮށް ނުދީ މަޖުބޫރީ ހާލަތުގައި އިތުރު ގޮތެއް ނެތިގެން މާލެ ސަރަައްދަށް ބަދަލުވުން ނޫން ގޮތެއް ނެތްކަން ސަރުކާރުގެ ބޮޑުން ދަނީ އަމަލުން ދައްކަމުން،" މޭޔަރު ސައުދު ވިދާޅުވިއެވެ.

ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ.. ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އަތޮޅުތެރޭގެ 76 މެންބަރުން މިކަމުގައި ހަނު ތިއްބަވާތީ ސައުދު ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަށްރަށުގެ އާބާދީ މަދުވެ، އަސާސީ ޚިދުމަތްތައް ހުއްޓެމުންދާއިރު ވެސް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގައި، މެންބަރުން ތިއްބެވީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ.

"350000 މީހުން މާލެ ސަރަޙައްދަށް ޖަމާކުރަށް މިހާތަނަށް ފާސް ކުރެވުނު ދައުލަތުގެ ބަޖެޓުގެ 98 އިންސައްތަ ޚަރަދު ކުރޭ. ބާކީ ތިބި 50،000 މީހުން މަރުވަންދެން އެ ރަށްރަށުގައި ތިބެދާނެތާއޭ، އެ ވިސްނުން ސަރުކާރުގައި އެބަހުރި،" ސައުދު ވިދާޅުވިއެވެ.

އޭނާ ވަނީ، ނޫސްވެރިންނަށް ވެސް މި ވާހަކަތައް ދައްކަން ނުކެރެނީ ސަރުކާރުން ދޭ މާލީ އެހީތައް ހުއްޓިދާނެތީ ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެހެންވެ، އެ ކަންކަމާ މެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަށް މޭޔަރު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ދިވެހި ސިފައިން 1962 ވަނަ އަހަރު ތިނަދޫއަށް އަރައި އެރަށުން މީހުން ބާލަނީ --

އޭނާ ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ މާލެ ވަށައިގެންވާ ކަނޑުތައް ހިއްކައިގެން މުޅި ރާއްޖެއަކީ މާލެ ސަރަހައްދު ކަމުގައި ހެދުން ކަމަށާއި، މިއީ ހަމަ ކަނޑައެޅީގެން ގަސްތުގައި ރަށްރަށް ފަޅުކުރުމަށް މި ސަރުކާރުން ހިންގާ ބޮޑު ރޭވުމެއް ކަމަށެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލި މައްސަލާގައި ރައްޔިތުންނަށް ދީފައި ހުރި އަނިޔާއާ ގެއްލުމުގެ ބަދަލު އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށާއި އެހެން ނަމަވެސް އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތަކާއި އޭރު އޮތް ސަރުކާރު ޒިންމާދާރުކޮށް ހައްގު ހޯދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގައި ތިނަދޫ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް