ތިނަދޫ ސަރަހައްދުގައި 20،000އަށް ވުރެ ގިނަ އެނދު ބެހެއްޓޭނެ، ޓޫރިޒަމް ޒޯނަކަށް ހަދައިދޭނަން: ޔާމީން

ޔާމީން ތިނަދޫގައި: ވިދާޅުވީ، އެ ސަރަހައްދުގައި މަދުވެގެން 20،000 އެނދު ގާއިމުކުރެވެން އެބަ އޮތް ކަމަށާއި ޓޫރިޒަމް ޒޯނަކަށް ހަދައިދެއްވާނެ ކަމަށް ---ފޮޓޯ/ ޕީއެންއެފް

ތިނަދޫ ސިޓީ ސަރަހައްދުގައި މަދުވެގެން 20،000 ފަތުރުވެރިކަމުގެ އެނދު ބެހެއްޓޭނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ޓޫރިޒަމް ޒޯނަކަށް ހައްދަވާނީ އެ ސަރަހައްދު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވައުދުވެވަޑައިގެންފިއެވެ.

ތިނަދޫ ސިޓީގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި މީހަކު ވަނީ، އެ ސަރަހައްދުގައި 300 ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރެވެން އެބަ އޮތް ކަމަށާއި ޔާމީންގެ ވެރިކަމެއްގައި އެކަން ކޮށްދެވޭނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ހިސާބު ޖަހާއިރު، ތިނަދޫ ސަރަހައްދުގައި މަދުވެގެން 20،000 ޓޫރިސްޓު އެނދު ބެހެއްޓޭނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ. އެއީ، ގއ. އަތޮޅާއި ގދ. އަތޮޅު އެއްކޮށްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތް ތަނެއް ކަމަށެވެ.

ޕީއެންއެފުގެ ކުރީގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، ތިނަދޫ ސަރަހައްދުގައި ޓޫރިޒަމް ޒޯނަކަށް ހަދައިދެއްވާނެ ކަމަށް -- ފޮޓޯ/ ޕީއެންއެފް

އެ ތަނުގައި ޓޫރިޒަމް އާލާކުރެވޭނެ ކަމަށް ވިދާޅުވެ، އެ ކަން ކޮށްދެއްވާނެކަން ޔާމީން ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ޓޫރިޒަމް ޒޯނަކަށް ވެގެންދާނީ ތިނަދޫއާއި، ގއ. ގދ.ގައި މިހުރި ރަށްތައް،" ޔާމީން ވިދާޅުވިއެވެ.

މިއީ މާލޭން ބޭރުގައި ޕީއެންއެފުން ބޭއްވި ފުރަތަމަ ޖަލްސާ ކަމަށްވާއިރު، ގިނަ ބަޔަކު ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ޔާމީނަށް ހުށަހަޅާފައެވެ. އެ ސުވާލުތަކަށް އެ މަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ.

ޔާމީން އެ ފަދައިން ވިދާޅުވިއިރު، ގއ. އަތޮޅާއި ގދ. އަތޮޅު ހިމެނޭހެން އެ ސަރަހައްދުގައި މިހާރު ހިންގަނީ އަށް ރިސޯޓެކެވެ.

comment ކޮމެންޓް