ބޭރު ފައިސާގެ ގާނޫނުގައިވާ ގޮތުގެ މަތިން އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަން މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އިން މިއަދު އިއުލާންކޮށްފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ޑޮލަރު މާރުނުކުރާ ދެ ރިސޯޓަކީ، ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. އޭގެ ތެރެއިން ރަހާ ރިސޯޓަކީ އެމްއޯ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިން ލ. އަތޮޅުގައި ހިންގާ ރިސޯޓެކެވެ. އަދި ސައުތު ޕާމްއަކީ އައްޑޫގައި، ސައުތު ޕާމް މޯލްޑިވްސްއިން ހުޅުވި ރިސޯޓެކެވެ.
އެމްއެމްއޭއިން ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް، ރަޖިސްޓްރީވުމަށް ފަހު ފުރުސަތު ދޭކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުން ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންނެވެ. އެގޮތުން، އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް 20 ޕަސެންޓް ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭ: ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން ވަނީ ހާމަކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްއެމްއޭއިް ވަނީ އެ 20 ޕަސެންޓްގެ ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ލުއި ދިނުމަށް އެދިފައިވީ ނަމަވެސް، އެ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް ހަނދާންކޮށްދީފައެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި ރިޕޯޓުގެ ކެޓަގަރީ ބީއަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ތަންތަނުގެ ތެރެއިން 48 ޕަސެންޓް ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ކެޓެގަރީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ހޮޓާތަކާއި ސަފާރީ ފަދަ އުޅަނދުތައް ކަމަށްވާއިރު، އޭގެ ތެރެއިން، އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ 15 ޕަސެންޓް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެ އޮތޯރިޓީން ވަނީ 37 ޕަސެންޓް ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާ ކަމަށް ބުނެފައެވެ. އެ ތަންތަނަކީ ޖުމުލަ ގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު އެ ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތު ދީ، ގާނޫނަށް އަމަލުކުރުން ރަނގަޅުކުރުމަށް ޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ރަހާ ރިސޯޓު: ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ތެރޭގައި ރަހާ ރިސޯޓު ހިމެނޭ ކަމަށް އެމްއެމްއޭއިން ބުނޭ -- ފޮޓޯ/ ރަހާ ރިސޯޓު
ކެޓަގަރީ ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން 38 ޕަސެންޓް ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ 33 ޕަސެންޓް ވިޔަފާރިން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެމްއޭއިން ބުނީ އެ ކެޓަގަރީގައި ހިމެނޭ 29 ޕަސެންޓް ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވާ ކަމަށެވެ. އެ ވިޔަފާރިތަކުން ވެސް ވަނީ ލުއިތައް ހޯދުމަށް އެދިފައި ކަމަށާއި ނަމަވެސް އެ ވިޔަފާރިތަކަށް ވެސް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށް މަރުކަޒީ ބެންކުން ބުންޏެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 ޕަސެންޓް ނަގަނީ އެމްއެމްއޭއަށެވެ. އޭގެ ތެރެއިން 30 ޕަސެންޓް ބޭންކުތަކަށް ދޫކުރާއިރު، އެކަމުގައި އިސްކަންދެނީ ދިވެހި ބޭންކުތަކަށް އެ އޮތޯރިޓީން ބުނެއެވެ.
ބޭންކުތަކަށް އަނބުރާ ދެވޭ މި 30 ޕަސެންޓް ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ވެސް ހުރެއެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ.
އެ މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވޭ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެހެންވެ، ރިސޯޓްތަކުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ އާއި ލާބަ ވިޔަފާރިތަކާއި ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ތެރެއިން ވެސް ބޮޑުބައި ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ގޭހާއި ތެލާއި ބޭސްފަދަ ބާވަތްތައް އިމްޕޯޓްކުރުމަށްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.