ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކޮށް، ދެ ފުށް ފެންނަ ގޮތަށް ކަންކަން ކުރުން މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ތަރައްގީވަމުން އަންނަ ގައުމުތަކާ ހަމައަށް ރާއްޖެއަށް އާދެވުނީ ތަރައްގީއަށް އިސްކަންދޭ ސިޔާސަތުތަކުގައި ދެމިތިބެވުމުން ކަމަށެވެ.
ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ރާއްޖޭން ހާސިލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ކަމުގައި އިންވެސްޓަރުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިގޮތުން، ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކޮށް، ކަންކަން ހިންގުމުގައި ދެ ފުށް ފެންނަ ގޮތަށް ކަންކަން ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދާއި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ކުދި ޖަޒީރާ ގައުމުތަކުން އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ދިވެހި ވިޔަފާރިތަކަށް ކުރިއެރުމުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަރުޙަބާ ކިޔާކަމެއް. އަދި އިންވެސްޓްމަންޓްތަކުގެ ފައިދާ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންނަށް ވާސިލުވާންޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ އިންވެސްޓުމަންޓުތަކުގެ ސަބަބުން ކުދި އިގުތިޞާދުތަކަށް އޮންނަ އިތުބާރު ބޮޑުވެފައިވާކަން ހާމަވާ ކަމަށެވެ.
އެ ފަދަ ބައެއް އިންވެސްޓުމަންޓުތައް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މިގޮތުން، 'ދިވަރު' ސަބްމެރިން ކޭބަލް މަޝްރޫއާއި އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއު ހިމެނެއެވެ.
ސައީދު ވިދާޅުވި ގޮތުގައި، މި ފަދަ މަޝްރޫއުތަކުގެ ސަބަބުން އިންވެސްޓުމަންޓު ބާޒާރުގައި މިހާރު ރާއްޖެއަކީ މަގުބޫލު މަންޒިލެކެވެ.