ތިނަދޫގައި މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި؛ ދެ ރައީސުން ވެސް ތިނަދުއަށް!

އާބާދީ 60 ފާހަކުރުމަށް ކުރީގެ ރައީސް ނަޝީދާއި އަދި ޔާމީން ތިނަދޫއަށް ވަޑައިގަތުމުގެ ތެރެއިން -- އެކްސް ފޮޓޯ: ޖެނިފާ

ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ ޚާއްސަ ހަރަކާތްތައް ރަސްމީކޮށް އެ ރަށުގައި ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވަނީ އެ ރަށަށް ވަޑައިގެންފައެވެ.

ތިނަދޫ އަލުން އާބާދުވުމުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ދިޔައީ ރޭ ބޭއްވި ފުޅަނދުބުރެވެ. އަދި މިއަދު ހެނދުނު ވަނީ ރަށުގެ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން 60 ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ރޭ ބޭއްވި ފުޅަނދުބުރުގެ ތެރެއިން.... ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ޝިޔާޒް ނައީމް ވިދާޅުވީ ގަސް އިންދުމުގެ މައިގަނޑު ބޭނުމަކީ ތިނަދޫގެ މަލަމަތި ރީތިކުރުން ކަމަށެވެ.

މީގެ އިތުރުން ތާރީޚީ ހަނދާންތައް އާލާކުރުމުގެ ގޮތުން ތިނަދޫން ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ކަފެނާއަށް ފެތުމުގެ ޚާއްސަ ހަރަކާތެއް ވެސް މިއަދު ހެނދުނު 9:00 ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ހެނދުނު ބޭއްވި ފެތުމުގެ ތެރެއިން މޭޔަރު ސައުދު ފަތަނީ-- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ޑެޕިއުޓީ މޭޔަރު ޝިޔާޒް ވިދާޅުވި ގޮތުގައި، ކަފެނާއަށް ފެތުމުގެ ހަރަކާތް ރޭވީ ތިނަދޫން މީހުން ބޭލި ދުވަސްވަރު އާބާދީގެ ބޮޑުބައެއް އެ ދެމެދުގައިވާ ކަނޑު ފަތާފައި ކަޑައްތުކޮށްފައިވާތީ، އެ ހިތާމަވެރި ހަނދާންތައް މިހާރުގެ ޖީލުތަކަށް އަންގައިދީ އެ ހަނދާންތައް އާކުރުމަށެވެ.

މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހުނު އާއިލީ ހަވީރު، މޫސުން ތަންނުދިނުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފައި ވާއިރު، މި އާއިލީ ހަވީރަކީ ތިނަދޫގެ ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު ހެނދުނު ބޭއްވި ފެތުމުގެ ތެރެއިން--- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

މި މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ތިނަދޫއަށް ވަޑައިގަތީ މިރޭ 8:45 ހާއިރެވެ.

އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެއްވެފައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

ދެ ރައީސުން ތިނަދޫއަށް ފައިބައިވަޑައިގެން، އާބާދީގެ 60 އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، ތިނަދޫ ސިޓީ އުތުރު ދާއިރާގައި ބޭއްވި ހާއްސަ ސަގާފީ ޝޯ އަކާއި ޖާފަތެއް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ. ސަގާފީ ޝޯއާއި ޖާފަތާއި އެކު މިރޭގެ ހަރަކާތްތައް ވަނީ ނިންމާލާފައެވެ.

އާބާދީ 60 ފާހަކުރުމަށް ކުރީގެ ރައީސް ނަޝީދާއި އަދި ޔާމީން ތިނަދޫއަށް ވަޑައިގެން ހަރަކާތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ރިބަން ކަނޑައިދެއްވަނީ --

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ބޮޑު ދިދަ ނެގުމާއި، ތިނަދޫގެ ކުރީގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއްގެ އިތުރުން ރަށަށް ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ތާރީޚީ ގޮތުން ބަލާއިރު، 1962 ވަނަ އަހަރު ސުވަދީބް ބަޣާވާތާ ގުޅިގެން އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލުމަށްފަހު، އަލުން އެ ރަށުގައި މީހުން އާބާދުވީ އޭގެ ހަތަރު އަހަރު ފަހުން، 1966 ވަނަ އަހަރުގައެވެ.

comment ކޮމެންޓް