ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ، އެ ސިޓީގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މޭޔަރު ސައުދު "ސަން" އަށް ވިދާޅުވި ގޮތުގައި، ތިނަދޫގައި ހުންނަ ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10:00 އަށެވެ. ފުލުހުންގެ އިދާރާގައި ދޮޅުގަޑިއިރެއްހާއިރު ހޭދަކުރެއްވިއިރު، ފުލުހުން ސުވާލުކޮށްފައިވަނީ ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މީހަކު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސުވާލުކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވަނީ ދެން ހާޒިރުވާން ޖެހޭ ދުވަހެއް އެންގުމަކާ ނުލައި ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން، ސަރުކާރަކުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭނީ ބަލަން ޖެހޭ ކަންކަން ބަލާފައި ނޫންތޯ އޭނާ ސުވާލު އުފެއްދެވި ކަމަށް ސައުދު ވިދާޅުވިއެވެ.
ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.
އެކަން އެގޮތަށް ކުރީ ތިނަދުއަށް އިންތިޚާބުވި ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައާއި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުން ކަމަށް މެންބަރު ސައުދުﷲ ތުހުމަތުކުރައްވާފައިވެއެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ޞާލިޙު، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފައެވެ.