ދެ ސިޓީގެ ތަރައްގީއަށް ޓަކައި ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި، މާލެ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މާލޭ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އާދަމް އާޒިމެވެ. އަދި ތިނަދޫ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ތިނަދޫ ސިޓީގެ މޭޔަރު، ސަޢުދު އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މި ފަހުމުނާމާއަކީ ދެ ސިޓީ ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ދިރާސާކޮށް ބަލައި، ދެ ސިޓީ ޕްރޮމޯޓުކުރުމަށާއި ދެ ސިޓީގެ ރައްޔިތުން ގުޅިގެން ކުރެވެންހުރި ކަންކަން ދިރާސާކޮށް، އެކަންކަން ކުރުމުގެ މަގުސަދުގައި ވެވޭ ފަހުމުނާމާއެއް ކަމަށެވެ.
އެގޮތުން، ދެ ސިޓީގެ ހިންގުން ހަރުދަނާކުރުމާއި ދެ ސިޓީގެ މުވައްޒިފުންގެ ކުރިއެރުންތައް ހޯދައިދިނުންފަދަ ކަންކަން މި ފަހުމުނާމާގައި ހިމެނޭނެކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން، ބޭރު ގައުމުތަކާއެކު ވެފައި ހުންނަ ފަހުމުނާމާތަކާ އެއްގޮތަށް، ދެ ސިޓީގެ މެދުގައި ވިޔަފާރި ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މި ފަހުމުނާމާގައި ބަލާފައިވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރުގެ ވާހަކައިގައި ވަނީ، ކުރިއަށްއޮތް ތަނުގައި އިތުރު ސިޓީ ކައުންސިލްތަކާއެކު ވެސް މިފަދަ ފަހުމުނާމާތަކުގައި ސޮއިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ފަހުމުނާމާތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބޭނެކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
މި ފަހުމުނާމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު ވިޔަފާރި ހަބު ކަމަށްވާ ހަވަރު ތިނަދޫއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެވުނު މި ފަހުމުނާމާއަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ވަރަށް ވެސް ތާރީޚީ ފަހުމުނާމާއެއް ކަމަށެވެ.
އަދި މި ފަހުމުނާމާގެ ސަބަބުން ދެ ސިޓީގެ ރައްޔިތުންނަށާއި ސިޓީ ކައުންސިލުތަކަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް މޭޔަރު ސަޢުދު ވެސް ވިދާޅުވިއެވެ. އަދި، މި ފަހުމުނާމާއަކީ ރާއްޖޭގެ އެހެނިހެން ސިޓީތަކާއި ބޮޑެތި އާބާދީތައް އޮންނަ ރަށްތަކުން ވެސް މިފަދަ ފަހުމުނާމާތައް އެކުލަވާލާ، ގުޅިގެން މަސައްކަތްކުރުމަށް ހުޅުވުނު ދޮރެއްގެ ގޮތުގައި ދެކުމަށް މޭޔަރު ސަޢުދު ގޮވާލެއްވިއެވެ.
" އަދި މީގެ ނިވަލުގައި، މީގެ ފަހަތުން ދިވެހިރާއްޖޭގައި އިދާރީ ހިންގުމުގަ މަސައްކަތްކުރާ ހުރިހާ ކަައުންސިލްތަކަށް ވެސް ވަރަށް ބޮޑެތި ވިސްނުންތަކެއް، ކުރިއެރުންތަކެއް، އަދި އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އެންމެ ފުޅާ ދާއިރާއެއްގައި ގެނެއުމަށްޓަކައި، ނެރުމަށްޓަކައި އަޅުގަނޑުމެން މި ހުޅުވާލެވޭ ދޮރުތައް ހަމަ ޔަގީނުންވެސް ބަލައިގަނެ، ކުރިއަށް އޮތް ތަނުގަ ބޮޑެތި އާބާދީތައް، ސިޓީތައް، ސިޓީ ކައުންސިލްތަކާ އެކީގަ މިފަދަ ފަހުމްނާމާތައް އެކުލެވި، އަދި އެބޭފުޅުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ." މޭޔަރު ސައުދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، މާލޭ ސިޓީގެ ކައުންސިލަރުންގެ އިތުރުން ތިނަދޫ ސިޓީގެ ކައުންސިލަރުން ވެސް ބައިވެރިވެފައިވެއެވެ.