އަންނަ ހަފުތާއަށް އިތުރު އަޑުއެހުމެއް ތާވަލުކޮށް، ސަޢުދަށް ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ދީފި

ތިނަދޫގެ މޭޔަރު ސައުދު އަލީ ---- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

އަންނަ ހަފުތާގެ އަންގާރަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކޮށް، އެ ދުވަހުގެ ނިޔަލަށް ވަކީލަކު އައްޔަންކުރަން ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއަށް ޝަރީއަތުން އިތުރު ފުރުސަތެއް ދީފިއެވެ.

ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހުން ވަނީ ސަޢުދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ސަޢުދަށް ގިނަވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސަޢުދަށް ކުރި ދަައުވާތަކާ ގުޅޭ އެންމެ ފުރަތަމަ އަޑުއެހުން ބޭއްވީ ނިމިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހެވެ. އެއަށްފަހު އެ ދައުވާތަކާ ގުޅޭ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލުކުރި ނަމަވެސް، އަޑުއެހުމަށް ސަޢުދު ހާޒިރުވެވަޑައިނުގަތުމުން ވަނީ ކެންސަލްކޮށްފައެވެ.

އެއަށްފަހު އެ ދައުވާތަކާ ގުޅޭ އަޑުއެހުމެއް ބޭއްވީ މިއަދެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން ސަޢުދު ވިދާޅުވީ ދައުވާއާ ގުޅޭ އެންމެ ފަހުގެ ލިޔެކިއުންތައް ލިބުނީ މިއަދު ކޯޓަށް ހާޒިރުވުމާއެކު ކަމަށާއި އެހެންކަމުން އެ ލިޔެކިއުންތައް ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ހަމަ އެހެންމެ މި މައްސަލައިގައި ވަކީލަކު އަދިވެސް ހަމަނުޖެހޭ ކަމަށް ސަޢުދު ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޟީ އަޙްމަދު ޝާފިޢު ފާހަގަކުރެއްވި ގޮތުގައި ވަކީލަކު އައްޔަންކުރަން އިދާރީގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަޢުދަށް ކޯޓުން އަންގައިފައިވެއެވެ. އެއަށްފަހު ވަކީލަކު އައްޔަންކުރަން އިތުރު ވަގުތު ދިނުމަށް ސިޓީއަކުން ސަޢުދު އެދިވަޑައިގަތުމުން އެ ވަގުތު ވެސް ދިން ކަމަށާއި އޭގެ ފަހުން ޝަރީއަތުން މުއާމަލާތުކުރުމަށް އިދާރީ މޭޒުން ގުޅުމުން ސަޢުދުގެ ފޯނަށް ޖަވާބުދިނީ އެހެން މީހަކު ކަމަށް ގާޟީ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ސަޢުދު ވިދާޅުވީ ކޯޓުގެ ފަރާތުން ފޯން ކޯލު އައި ވަގުތު އޭނާ އިންނެވީ ރަސްމީ ބައްދަލުވުމެއްގެ ތެރޭ ކަމަށެވެ.

ގާޟީ ވިދާޅުވިގޮތުގައި އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވާނަމަ ކުރިއާލާ ޝަރީއަތާ އެ މައުލޫމާތު ހިއްސާކުރެވެން ވާނެއެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ސަޢުދުގެ މައްޗަށް އުފުލައިފައިވާ ދައުވާއަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށެވެ. ސަޢުދަށް މިއަދު އިތުރު ލިޔެކިއުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލުން އެދިވަޑައިގަތީ ގާނޫނީ ވަކީލެއް އައްޔަންކުރުމަށް ސަޢުދަށް އިތުރު ފުރުސަތެއް ދިނުމާ މެދު ގާޟީ ގޮތެއް ނިންމެވުމަށެވެ.

އެއާއެކު ގާޟީ ޝާފިޢު ވިދާޅުވީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އޮންނަ އަޑުއެހުމަށް ސަޢުދު ކޯޓަށް ހާޒިރުވެވަޑައިގަންނަވާއިރު ހެކިންގެ މައުލޫމާތާއި ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ގޮތް ވަކީލުންނާއެކު ހުށަހަޅުއްވަންވާނެ ކަމަށެވެ.

ސަޢުދަށް މައްސަލައިގެ ލިޔެކިއުންތައް ހަވާލުކުރެވިފައިވާ މުއްދަތަށް ބަލާއިރު ޝަރީއަތުގައި ޖަވާބުދާރީވެވަޑައިގަނެވޭނެ ކަމަށް ގާޟީ ވިދާޅުވިއެވެ.

އަޑުއެހުން ނިންމަވައިލައްވަމުން ގާޟީ ވަނީ ވަކީލަކު އައްޔަންކުރަން ސަޢުދަށް އިތުރު ފުރުސަތެއް ދެއްވައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 10ވަނަ ދުވަސް ކަމަށްވާ، އަންނަ ހަފުތާގެ އަންގާރަ ދުވަހުކަން އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް