މާރާމާރީ ހިންގުމާއި ބިރުދެއްކުން ހިމެނޭހެން ހަތަރު ތުހުމަތެއް ކުރެވޭ މީހަކު ޝަރުތުކޮށް، އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، މި މައްސަލައިގައި ދޫކޮށްލާފައި ވަނީ، 24 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ކޮށްފައި ވަނީ، މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖިނާއީ މަޖުބޫރުކުރުވުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.
ކޯޓުން ބުނި ގޮތުގައި، އޭނާ ބަންދުން ދޫކޮށްލީ މިއީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ފުރަތަމަ ކުށަށް ވެފައި، ބަންދު ލޮގުގެ ވެސް ފުރަތަމަ މައްސަލައަށް ވާތީއެވެ. އަދި، އެ ޒުވާނާ ކޯޓުން ދޫކޮށްލާފައި ވަނީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހުގައެވެ.
މި މައްސަލައިގައި އެ ޒުވާނާ ބަންދުން ދޫކޮށްލީ، ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ. އޭނާގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓުތައް ހިފަހައްޓާފައިވާއިރު، ރަށުން ބޭރަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެކި ސަބަބުތަކާ ހުރެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓުން ދޫކޮށްލައެވެ.