ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް މި އަހަރުގެ ތެރޭގައި ތިނަދޫ ސިޓީގައި ގާއިމްކޮށް، ޚިދުމަތް ފަށާނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަޝްރަފް ވަނީ، ހުވަދޫ އަތޮޅަކީ ނަފުސާނީ ފަރުވާއަށް ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅެމުންދާ އަތޮޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ތިނަދޫން ނަފުސާނީ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް ފާހަގަވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް، އެ އިންޓަވިއުގައި އޭނާ ވިދާޅުވިއެވެ.
އަޝްރަފް ވަނީ ނަފުސާނީ ބަލިތަކުގެ ފަރުވާ ހޯދުމަށް ގިނަ ބަޔަކު ދާކަމަށާއި ވަކިން ޚާއްސަކޮށް ސްކޫލް ދަރިވަރުން ގިނަކަން ފާހަގަކުރައްވާފައެެވެ.
އެހެންވެ، ނަފުސާނީ ފަރުވާއަށް ޚާއްސަކޮށް ފަރުވާ ދިނުމަށް ކްލިނިކެއް ހުޅުވަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި ގާއިމްކުރާ ނަފުސާނީ ފަރުވާގެ ކްލިނިކުގެ އަމަލީ މަސައްކަތް މިހާރު ފެށިފައި ވާކަމަށް ވިދާޅުވެ އަޝްރަފް ވަނީ، މި އަހަރުގެ ތެރޭގައި އެ ކްލިނިކު ޚިދުމަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި ޚިދުމަތް ފަށާއިރު އިމާރާތުގެ އިތުރުން ތަނަށް ބޭނުންވާ ޚާއްސަ ޑޮކްޓަރުންވެސް ގެންދާނެ ކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވައިފައެވެ.

ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް --- ފޮޓޯ: ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
އެ ކްލިނިކުގެ މަސައްކަތާއި ގުޅުގެން 'ސަން'އިން ސުވާލުކުރުމުން އެ ހޮސްޕިޓަލުން ބުނީ، ނަފުސާނީ ފަރުވާގެ ކްލިނުގެ މަސައްކަތް ނިންމާ މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެއްކޮށް މަސައްކަތްތައް ނިންމައި މި އަހަރުގެ ފަހު ކުއާޓަރުގަ ހުޅުވަން މަސައްކަތް ކުރަނީ. ދެން މަސައްކަތް ހަަމަ ނިމޭއިރަށް ތަނަށް ބޭނުންވާ ސްޓާފުން ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ފަހު ކުއާޓަރުގައި، ޑޮކްޓަރުން ގެނައުމުގެ މަސައްކަތާ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަގެ މީޑީއާ އޮފިޝަލް
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ނަފުސާނީ މައްސަލަތައް ގިނަ ގައުމެކެވެ. ނަމަވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ދިގު ކިޔޫއެއްގައި ތިބެން ޖެހުމާއި، ޚާއްސަ ފަރުވާތައް ހޯދަން މާލެ ސަރަހައްދަށް އަންނަން ޖެހުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެއެވެ.
ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ވަނީ އަތޮޅުތަކުގައި ނަފުސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މި ސަރުކާރުން ވަނީ، ހަތް ކްލިނިކެއްގައި، ނަފުސާނީ ބައްޔަށް ހިނގާ ޚަރަދުތައް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސަން ނިންމައިފައެވެ. އެގޮތުން ނަފުސާނީ ފަރުވާއަށް އާސަންދަ ދޭން ފެށީ މި އަހަރުން ފެށިގެންނެވެ.