ހައިކޯޓު ފަނޑިޔާރުކަމަށް ޕީއެންސީން މަޖިލީހަށް ވާދަކުރެއްވި ރައޫފާއި، ޝަފީއު، ކްރިމިނަލް ކޯޓު ގާޒީކަމަށް ނިޔާޒު

ހައިކޯޓަށް އައްޔަންކުރި ރައޫފާއި، ޝަފީއުއާއި، ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ ނިޔާޒު --

ހައިކޯޓަށް ދެ ފަނޑިޔާރަކާއި، ކްރިމިނަލް ކޯޓަށް ގާޒީއަކު އައްޔަންކޮށްފައިވާ ކަމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ޖޭއެސްސީން އިއުލާނުކުރި ގޮތުގައި ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް އައްޔަންކޮށްފައިވާ ދެ ފަނޑިޔާރުންނަކީ:

  • އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް
  • އިސްމާއީލް ޝަފީއު

ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ އަހްމަދު ނިޔާޒެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އިއުލާނުކުރީ، ހައިކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ދެ މަގާމު ހުސްވުމުންނެވެ.

ރައޫފަކީ 10 އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގައި މަސައްކަތް ކުރުމަށް ފަހު، ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވުމަށް ފަހު، ރައޫފު ފަހުން ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާފައެވެ. އެކަމަކު، ކެޔޮދޫ ދާއިރާގެ އިންތިހާބުން ރައޫފަށްވީ ނާކާމިޔާބެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ޖޭއެސްސީން މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު ހައިކޯޓަށް އައްޔަންކުރަން ނިންމުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. ގިނަ ބަޔަކު އެ ކަމާ ނުރުހުން ފާޅުކުރަން ފެށުމުން ޝަހީދު އަމިއްލައަށް ނަން ނެގީ ޖޭއެސްސީން އޭނާ އައްޔަންކުރަން ވެސް ނިންމި ފަހުން މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހެވެ.

comment ކޮމެންޓް