ސަރުކާރުގެ މުދަލަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ ގެއިން ވެސް ނުނިކުންނަ ކަމަށް

ސަރުކާރުގެ މުދަލަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ ގެއިން ވެސް ނުނިކުންނަ ކަމަށް... ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މުދަލަށް ގެއްލުންދީ ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، އެ ހާދިސާ ހިނގި ދުވަހު ގެއިން ވެސް ނުނިކުންނަ ކަމަށް ބުނެ ކުށަށް އިންކާރުކޮށްފައި ވަނިކޮށް، ހައްޔަރުކޮށް ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ސ. ހިތަދޫ، ދެކުލައަރާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އަސްލަމްއެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ ކ. މާލެ، ގ. ކަނދުމާގެއާގޭގައެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަސްލަމް ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިޖުރާއަތާ އެއްގޮތަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ހާދިސާ ހިނގި ސީނުގައި ތުހުމަތުކުރެވޭ ފަރާތް ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ކެމެރާ ފުޓޭޖްގެ ސްނެޕްޝޮޓް ހިމެނޭ ފޮޓޯ ރިޕޯޓެއް ހިމެނެއެވެ.

ކޯޓުގެ އަޑުއެހުމުގައި އަސްލަމް ބުނެފައިވަނީ އެ ހާދިސާ ހިނގި ދުވަހު އޭނާ ގެއިން ބޭރަށް ވެސް ނުނިކުންނަ ކަމަށެވެ. ނަމަވެސް ސީނުގައި އޭނާ ކަމަށް ބެލެވޭ މީހަކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތައް ފުލުހުން ހުށަހަޅާފައިވާ ކަމަށް ބުނުމުން، ދެން އިތުރު ވާހަކައެއް ދައްކަން ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަސްލަމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިޢާޔަތްކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހަށެވެ.

ފާހަގަކުރެވޭ ގޮތުގައި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ މިއަދު މުޖުތަމައުގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.

comment ކޮމެންޓް