އެސްޓީއޯގެ ހެޑު އޮފީހާއި ގުދަނަށް ހުއްދަނެތި ވަތް ކަމުގެ ތުހުމަތުވާ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ 42 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ހުއްދަނަތި ތަނަކަށް ވަނުމާއި ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
އަމުރުގެ އިތުރު ބަޔާނުގައި ފުލުހުންނާ ހަވާލާދީ ބުނި ގޮތުގައި، އެ މީހާ ވަނީ ހުއްދަނެތި، އެސްޓީއޯގެ ހެޑުއޮފީހާއި ގުދަން ހުންނަ ކޮއްޓަށް ވަދެފައެވެ. ދިފާއުގައި އޭނާ ކޯޓުގައި ބުނީ، އެސްޓީއޯގެ ކޮއްޓެއް ތެރެއަށް ވަދެފައިނުވާ ކަމަށެވެ.
އޭނާއަކީ، ހައްޔަރާއި ބަންދު ރެކޯޑު އޮންނަ މީހެއް ކަމަށްވާއިރު، އޭނާއާ ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކި ކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި، މަންޒަރު ދުށް މީހަކު ބުނާ ބުނުމައި ސީނަށް ދިޔަ ފުލުހެއްގެ ހާދިސާ ރިޕޯޓާއި އޭނާގެ ކުށުގެ ރެކޯޑުތައް ހިމެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ހުއްދަ ނެތި އިމާރާތްތަކަށް ވަދެ، ގެއްލުންދީ ވައްކަންތައް ކުރާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.